ދުނިޔޭގައި އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އާޖެންޓީނާގެ ފޯވަޑް ޑީއޭގޯ މަރަޑޯނާ މަރުވުމުގެ ޒިންމާ އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ޓީމުން އުފުލަން ޖެހޭނެ ކަމަށް ބުނެ އެޓީމާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
އާޖެންޓީނާގެ ޕްރޮސިކިއުޓަރުން ބުނަނީ މަރަޑޯނާގެ މަރުމަތީގައި އެންމެފަހުން ފަރުވާ ދިން ޑޮކްޓަރުން ޒިންމާވާން ޖެހޭނެ ކަމަށާއި މަރަޑޯނާ މަރުވީ އެމީހުންގެ އިހުމާލުން ކަމަށެވެ. އެފަރާތްތަކުން ބުނަނީ މެޑިކަލް ޓީމުން މަރަޑޯނާ "މަރާލީ" ކަމަށެވެ. ދައުވާ ކުރަނީވެސް އެގޮތަށެވެ.
އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ 2020 ވަނަ އަހަރު ކުރި އޮޕަރޭޝަނެއްގެ ފަރުވާގައި ގޭގައި އޮއްވައެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ކުރި އެ އޮޕަރޭޝަން ރަނގަޅުވުމުގެ މަރުޙަލާގައި މަރަޑޯނާ އުޅެމުން ދަނިކޮށް އޭނާ މަރުވީ ނިދާފައި އޮއްވާ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.
މަރަޑޯނާއަކީ އާޖެންޓީނާގެ އިތުރުން ދުނިޔޭގައިވެސް އުފެދުނު އެންމެމޮޅު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ފުޓްބޯޅައިގައި މަރަޑޯނާގެ ނަމަކީ ބޮޑު ނަމެކެވެ. ނަމަވެސް މަރަޑޯނާގެ ފުޓްބޯޅަ ހަޔާތް ފަނޑުވެގެން ދިޔައީ މަސްތުވާތަކެއްޗާއި އަންހެންވެރިންގެ ކުޅިވަރުގައި ބެހިގެން ގޮހެވެ. އުމުރުގެ ފަހުކޮޅު ބޮޑަށް އުޅުނީ މަސްތުވާތަކެތީގެ ސަބަބުން ކުރިމަތިވި ކަންކަމުން ފަރުވާ ހޯދުމުގައެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް މަރަޑޯނާ މަރުވަންދެންވެސް އޭނާއަކީ އާޖެންޓީނާ އާއި ދުނިޔޭގެ ފުޓްބޯޅައިގައިވެސް ނުފޫޒުގަދަ އަޑު ގަދަ މީހެކެވެ. އޭނާ ވަނީ އާޖެންޓީނާ ގޮވައިގެން ކޯޗެއްގެ ހައިސިއްޔަތުންވެސް ނުކުމެފައެވެ. ނަމަވެސް ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބު ކޯޗެއްގެ ގޮތުގައި ހޯދިފައިނުވެއެވެ.