މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގައި ހުންނެވި އަޙްމަދު އިމާދު، އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.
އިމާދު ވަކިކުރަން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި މިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އެކަން ކުރަން އިމާދު ދެކޮޅެވެ.
މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައި، ކޮމިޓީން ނިންމާފައި ވަނީ ގަވަރުނަރު ކަމުން އިމާދު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާށެވެ. އެ ގޮތަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދު އައްޔަން ކުރެއްވީ މިދިޔަ 2020 ވަނަ އަހަރުއެވެ. ނަމަވެސް އިމާދަކީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުން އަންނަ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.