ފަލާހު ދަނީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހައި މަޖިލިސް ޚަރާބު ކުރަމުން: އައްބާސް

ފަލާހު ދަނީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހައި މަޖިލިސް ޚަރާބު ކުރަމުން: އައްބާސް

ރައްޔިތުންގެ މަޖިލިސް ތެރޭގައި މެންބަރުންނަށް ރިޝްވަތުގެ ހުތުރު ފައިސާ ބަހައިގެން، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، މަޖިލިސް ހަރާބު ކުރަމުންދާ ކަމަަށް، އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފިއެވެ.

ކައުންސިލްތަކުގެ އިހުތިސޯސްގައިވާ ފަޅުތަކާއި ރަށްތައް ޓޫރިޒަމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޒާހިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީ ނޭވާ ހޮޅިއަށް އެޅޭ ހާލަތަކަށް ކަންތައް ގެންގޮސްގެން ނުވާނެ ކަމަށެވެ.

ޒަމާނުއްޒުރެން ރާއްޖޭގައި އިންވެސްޓް ކޮށްގެންތިބި އިންވެސްޓަރުން ފުނޑާލަން ރައީސުލްޖުމްހޫރިއްޔާއަށް ބާރުދޭ ގާނުނަކަށް މިގާނޫނު ވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓުކުރަންތިބި މީހުންނަށް ބިރުދައްކާ ދެވަނައެމްއެމްޕީއާރުސީގެ ހިޔާނާތެއް ވުޖޫދުވާބިލަކަށް ވެސް މި ބިލް ވެގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބާރު އޮންނަން ޖެހެނީ ދިވެހި ރައްޔިތުންގެ އަތުގައި ވަފާތެރިވަނީ ހެއްދެވި ފަރާތަށާއި ދިވެހި ރައްޔިތުންނަށް،" އައްބާސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހިތުހުރި ބާރެއްދޭން މަޖިލީހުން ފާސް ކުރަމުން ދާކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ރައީސުލްޖުމްހޫރިްއޔާ ބުނާބުނުމަށް އެކަނި ގަބޫލު ކުރުމަށް، ނުވަތަ ވެރިކަންކުރާ ޕާޓީ، ޕީއެންސީން ބުނާބުނުން އެކަނި ގަބޫލުކޮށް ދެންހުރި ހުރިހާކަމެއް ނަފީ ކުރަންޖެހޭ ކަމަށް މަޖިލިސް މެންބަރުންގެ ހުވާގައި ނޯންނަ ކަމަށެވެ. އަދި އިހުތިޔާރު ކުރަން ޖެހޭނީ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި މަޖިލީހުގައި ރައްޔިތުންނާ ދެކޮޅަށް ނިންމާ ކޮންމެ ގާނޫނެއް ނިންމުމުގެ ޒިންމާ ނަންގަވަން ޖެހޭނެ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، އެބޭފުޅާ ރިޝްވަތުގެ ހުތުރު ފައިސާ މި މަޖިލިސް ތެރޭގައި މެންބަރުންނަށް ބަހައިގެން މަޖިލިސް ހަރާބު ކުރަނީ،" އައްބާސް ވިދާޅުވިއެވެ.

އެ ތުހުމަތާއި ގުޅިގެން ނިޒާމީ ނުކުތާ ނަންނަގަވައި، ފަލާހު ވިދާޅުވީ، އަމިއްލަ އެދުމެއް ހާސިލް ކުރަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދުވަހަކުވެސް އަމިއްލަ އެދުމެއް ހާސިލް ނުވެގެން މި މަޖިލިސް ފްލޯގައި އެއްވެސް މެންބަރަކާ ދިމާލަށް އެއްޗެހި ކިޔާފައެއް ނޯންނާނެ،" ފަލާހު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *