މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅިފައިވާ ފަޒީން، އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރީ އެ މައްސަލަ ކޮމިޓީން ތަހުގީގު ކުރުމަށްފަހު މަޖިލީހުުގެ ތަޅުމަށް ހުށަހެޅުމުން އެކަން މަޖިލިސް ތަޅުމުގައި އިއުލާން ކުރުމަށްފަހު އެކަން ދިރާސާކޮށް ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި އަލުން އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ، އެ މައްސަލައަށް ޖަވާބުދާރީވުމަށް ވަކީލަކާއެކު ކޮމިޓީއަށް ވަޑައިގަތުމުގެ ފުރުސަތަކަށް އެދިފައިވާތީ، މިއަދުގެ 11:00 އަށް ފަޒީނަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ.
ނަމަވެސް ދިފާއީ ވަކީލުގެ އަނބިކަނބަލުން ކުއްލި ގޮތަކަށް އޭޑީކޭގައި އެނދުމަތިކޮށް އެމެޖެންސީގައި ސާޖަރީއެއް ހެދުމުގެ ސަބަބުން އެ ފުރުސަތު 5 ދުވަސް ފަހަށް، ފަސްކޮށްދިނުމަށް އެދި ވަކީލުގެ ސިޓީއެއް ކޮމިޓީއަށް މެއިލްކޮށްފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ. ފުރުސަތު ފަސްކޮށްދިނުމަށް ފަޒީންގެ ފަރާތުންވެސް ވަނީ އެދިފައެވެ.
އެހެންކަމުން މާދަމާއަށް އެ ފުރުސަތު ފަސްކޮށްދިނުމަށް ނިންމެވުމަށްފަހު މުގައްރިރު ފަހުން ވަނީ ފަޒީން މަގާމުން ވަކިކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށް މަޖިލިސް ތަޅުމަށް ފޮނުވުމާ ދޭތެރޭ ކޮމިޓީ މެންބަރުންގެ އިއުތިރާޒެއް އޮތްތޯ ބަލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން އިއުތިރާޒެއް އޮތް ކަމަށް ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެހެންވެ ކޮމިޓީން ފާސްކުރީ ފަޒީން ވަކިކުރަން މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.