މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15 ބިލިއަން ރުފިޔާ ޗާޕުކޮށްފިނަމަ، ޑޮލަރު ލިބުން ތާށިވެ ޒަރޫރީ ކާބޯތަކެތީގެ އަގު ބޮޑުވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަތަކާއި ގުޅިގެން ޝާހިދު މިއަދު އެކްސްގަަައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ އެމްއެމްއޭއިން ބިން ގަތުމަށް 15 ބިލިއަން ރުފިޔާ ޕްރިންޓް ކުރަން ނިންމުމަކީ ފަރުވާކުޑަ، ޒިންމާދާރުކަން ކުޑަ، އަދި އިގްތިސާދީ ތަޖުރިބާކާރުންގެ ލަފާއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުގެ ތަޖުރިބާކާރުންގެ ލަފައާ ފުށުއަރާ ނިންމުމެއް ކަމަށެވެ.
"މި ސަރުކާރުގެ ޒިންމާދާރު ކަމެއް ނެތް މާލީ ސިޔާސާތުގެ ސަބަބުން ގެއްލުންވާނީ އާންމު ރައްޔިތުންނަށް. ކާބޯތަކެތީގެ އަގުބޮޑުވެ ތެލާއި އެހެނިހެން މުދަލުގެ އަގު ބޮޑުވެގެން ދާނެ. ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދާނެ. ދިގު ރާސްތާގައި އެކަމުން އަރައިގަތުމަށް ޓެކްސް މަތިކޮށް، އިޖުތިމާއީ ރައްކާތެރި ކަމަށް ކުރާ ހޭދަ މަދުކުރާނެ" ޝާހިދު ވިދާޅުވިއެވެ.
އެމްއެމްއޭއަށް ބިން ބޭނުން ނުވާއިރު، ރިއަލް އެސްޓޭޓް ހޯދުމުގެ މެންޑޭޓެއްވެސް އެ ބޭންކުގައި ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ނަގުދު ފައިސާއަށް ކެތްމަދުވެފައި އޮތް ސަރުކާރުން މިހާރު ދަނީ ޚާރިޖީ ސިޔާސަތު ނާކާމިޔާބުވެ، ބޭރުގެ ފައިނޭންސިން ހޯދުމަށް ކުޅަދާނަ ނުވުމުން ކުރެވެން އޮތް ހުރިހާ މަގެއް ބޭނުން ކުރަމުންނެވެ. ސަރުކާރުގެ ނާގާބިލުކަމާއި ނުބައި ހިންގުމުގެ އަގު ދިވެހިން ދައްކަން ނުޖެހޭނެ." ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ މި ފިޔަވަޅަކީ މަނިޓަރީ އޮތޯރިޓީގެ ގާނޫނާއި މާލީ ޒިންމާގެ ގާނޫނާ ހިލާފު ފިޔަވަޅެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެއީ މަރުކަޒީ ބޭންކުގެ ބާރު ފާޅުކަން ބޮޑު ގޮތެއްގައި ނަހަމަ ގޮތުގައި ބޭނުންކޮށް، އިގްތިސާދު ދަތިކަމާއި ދިގު މުއްދަތަކަށް ނުތަނަވަސްކަމާއި ދިމާއަށް ގެންދިއުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިއާދުނުކުރެވޭ ގެއްލުންތަކެއް ލިބުމުގެ ކުރިން އެކަން ހުއްޓުވަން އެބަޖެހޭ ކަމަށެވެ.