ގޮނޑި ގެއްލޭ އިސްލާހު ސައްހަ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދިއްޖެ

ގޮނޑި ގެއްލޭ އިސްލާހު ސައްހަ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދިއްޖެ

ސިޔާސީ ޕާޓީ ތަކުން ވަކިވެއްޖެނަމަ، އަދި ވަކިކޮށްފި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ އިސްލާހު ސައްހަ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި މިގޮތަށް އެދިފައި މިވަނީ އެ އިސްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިދޭން ގާނޫނީ ވަކީލު އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށްފަހު، އަޑު އެހުންތައް މަޑު ޖެހިފައިވަނިކޮށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންނާމެދުވެސް އެ ޤާނޫނުގެ ދަށުން އަމަލު ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ދައުލަތުން މިގޮތަށް އެދިފައިވާއިރު، އަލީ ޙުސައިން ކުރިން އެދިފައި ވަނީ އެ ޤާނޫނު މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅަދޭށެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ވައްދައި، ޝަރީއަތުގެ އަޑު އެހުންތައް ކުރިޔަށް ދަނިކޮށް އޭސީސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަން ފެށުމާއެކު ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ.

އެއީ މިހާރު އިސްތިއުފާ ދެއްވާފައިވާ ފަނޑިޔާރު ހުސްނުއްސުއޫދާއި، މިހާރު ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު މަހާޒް އަލީގެ އިތުރުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. މި ތިން ފަނޑިޔާރުންގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ މައްސަލަތައް ބެލޭގޮތް ނުވިނަމަވެސް، އަނެއް ދެ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ތިން ފަނޑިޔާރެއްގެ މައްސަލަ އައުމާއެކު ސުޕްރީމް ކޯޓުގައި އެންމެ އަޑު އެހުމެއް ބޭއްވުމަށްފަހު ދެވަނަ އަޑު އެހުމެއް ބާއްވަންވެސް އޭރު އުޅުނެވެ. ނަމަވެސް ސަސްޕެންޝަނާހެދި އިތުރު އަޑު އެހުމެއް ބޭއްވިފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *