ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ އާއި އަޒްމިރަލްދާ ޒާހިރު ޖޭއެސްސީއަށް ޙާޒިރުވާން އަންގައިފިއެވެ.
މިވަގުތު ސަސްޕެންޑް ކޮށްފައިވާ މި ދެފަނޑިޔާރުންގެ ތެރެއިން މަހާޒް ޖޭއެސްސީއަށް ޙާޒިރުވާން އަންގާފައި ވަނީ މާދަމާއެވެ. އަދި އަޒްމިރަލްދާ ޙާޒިރުވާން އަންގާފައި ވަނީ ހޯމަ ދުވަހުއެވެ. ދެ ފަނޑިޔާރުންވެސް ހާޒިރު ކުރަނީ ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ. މި ދެ ފަނޑިޔާރުންގެ މައްސަލައެއް އޭސީސީންވެސް ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ އާއި މަހާޒާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ދާދިފަހުން އިސްތިއުފާ ދެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި އަޒްމިރަލްދާ އާއި މަހާޒްވެސް ތިއްބެވުން ހިމެނެއެވެ. ޖޭއެސްސީން ބުނީ ސުއޫދު އެގޮތަށް ވާހަކަ ދެއްކެވިއިރު އެތަނުގައި ތިއްބެވީތީ ސުއޫދެކޭ އެއްވަރަށް އަނެއް ދެ ފަނޑީޔާރުންވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. މި މައްސަލަ ސުއޫދާ ދެކޮޅަށްވެސް ޖޭއެސްސީން ބަލަން ނިންމިއެވެ. ނަމަވެސް އޭގެކުރިން ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންވެ ސުއޫދުގެ މައްސަލަ ޖޭއެސްސީއަށް ވަނީ ބެލޭނެ ގޮތް ނުވެފައެވެ.
އަޒްމިރަލްދާ އާއި މަހާޒާއި ބެހޭގޮތުން ދެން ބަލަމުންދާ އަނެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ސްޕާއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ކްރިމިނަލްގެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށްބުނާ މައްސަލައެކެވެ. ތުހުމަތު އަމާޒު ވަނީ މަހާޒް ލައްވައި އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށެވެ.
ނަމަވެސް އެ ތުހުމަތުތައް ދާދިފަހުން އަޒްމިލަލްދާގެ ފަރާތުން ވަނީ ދޮގު ކުރައްވާފައެވެ. ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންގެ ޓީމުން ބުނީ ފިރިކަލުންގެ މައްސަލައިގައި އެއްވެސް ގާޒީއަކަށް ގުޅުއްވާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަން އުޅެފައިވެސް ނުވާނެ ކަމަށެވެ.