މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެވެސް ވަދެ، ރާއްޖޭގެ ފަރާތުން ލިޔުމުން އޮބްޒަރވޭޝަން ހުށަހަޅައިފިއެވެ.
މި ލިޔުން ރާއްޖެއިން ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ރާއްޖެ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން ހުށަހެޅުމުން އައިސީޖޭން މިހާރު ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ.
އައިސީޖޭގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖޭން ތަދައްޚުލްވެ، އެޖެންޓެއް ގޮތުގައި ރާއްޖެއިން ހަމަޖައްސާފައި ވަނީ ބަންޑާރަ ނައިބު އަޙްމަދު އުޝާމެވެ.