2020، 2021 އަދި 2022 ވަނަ އަހަރު އޮޑިޓް އޮފީހުން ދައުލަތުގެ ވުޒާރާތައް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ނެރުނުއިރު، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އޮޑިޓް ރިޕޯޓުތައް ފެނުނީ ވަރަށް ސާފުކޮށެވެ. ހުދުކޮށެވެ. އެއްވެސް މައްސަލައެއް ނެތެވެ. ވިދިވިދިގެން "އޭ" ރިޕޯޓުގެ ހެޓްރިކެއް ހެދުމުގެ ޝަރަފާއެކުގައެވެ. ދައުލަތުގެ މާލިއްޔަތު ގަވައިދާ ޚިލާފަށް ލޯލާރިއެއްވެސް ޚަރަދުނުކޮށް، މާލީ އިމުގެ ތެރެއިން ހުރިހާ ހިސާބު ކިތާބުތަކެއް ނިންމާލާފައި އޮތްތަނެވެ.
އެ ތިން އަހަރުވެސް ޚާރިޖީ ވަޒީރު ކަމުގައި ހުންނެވީ އަބްދުﷲ ޝާހިދެވެ. ޝާހިދަކީ ޚާރިޖިއްޔާއަށް އާ ބޭފުޅެއްނޫނެވެ. ތަޖުރިބާކާރު ދުވަސްވީ ބޭފުޅެކެވެ. މުޅި ޚާރިޖިއްޔާ ފަރިތަ ބޭފުޅެކެވެ. ނަމަވެސް އޮޑިޓް ރިޕޯޓަކުން އެއް ވަޒީރެއްގެ ތިން އަހަރު ފުލްމާކްސް ލިބުމުން އެ ވާހަކަ ދެއްކޭލެއް ގިނަވެދާނެއެވެ. އަމުދުން ކޮރަޕްޝަން ގިނަ މިޒަމާނަށް ވިސްނާލާއިރު ތަފާތު ނަތީޖާއަކަށް ވުމުންނެވެ.
އޮޑިޓް ރިޕޯޓުތަކަށްފަހު، އެކަމާ ބެހޭގޮތުން ޝާހިދު ފިޔަވައި އޭރުގެ ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު މީޑިޔާގައި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ރިޕޯޓުތަކާއި ގުޅިގެން ޝާހިދުގެ ޝުކުރު އޮއްސާލެއްވީ އޭރު މިނިސްޓްރީގައި ތިއްބެވި ވެރިންނަށާއި މުވައްޒަފުންނަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުތަކުން ފުލުފުލުގައި އެވަރުގެ ރަނގަޅު ނަތީޖާއެއް ލިބުމުގެ ސަބަބުތަކެއް މުޅިއަކުން ތިލައެއް ނުވެއެވެ. ނަމަވެސް މި ރިޕޯޓުގައި މި ގެނެސްދެނީ ފޮރިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލް "މާލެ ޓައިމްސް" އަށް ދެއްވި އިންޓަވިއެއްގައި ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކާބެހޭ ގޮތުން ދެއްކެވި ވާހަކައެވެ.
ރިޕޯޓުތައް ރަނގަޅުވުމުގައި ޝާހިދުގެ ދައުރު ބޮޑު، އަތްދޮށުން ކަމެއް ދުލެއްނުވޭ
ޚާރިޖީ ދާއިރާގައި 42 އަހަރު އުޅުއްވުމަށްފަހު މިހާރު އެ ދާއިރާއިން ރިޓަޔަރ ކުރައްވާފައިވާ ޚަލީލް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުން ވިދިވިދިގެން ތިން އަހަރު "އޭ" ރިޕޯޓު ހޯދިފައިވަނީ އޭރު ވަޒީރަކަށް ހުންނެވި އަބްދުﷲ ޝާހިދުގެ ހުޝިޔާރު ކަމުގެ ތެރެއަށް މުވައްޒަފުންގެ އިޚްލާސްތެރިކަން ލާމެހިގެން ގޮހެވެ.
ޚާއްސަ ގޮތެއްގައި ޚަލީލް ފާހަގަ ކުރެއްވީ މިނިސްޓަރ ޝާހިދަކީ އެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކަށްވުމާއި މީގެކުރިންވެސް އެ މިނިސްޓްރީގައި އުޅުއްވާފައިވާ ބޭފުޅަކަށްވުމުން ފޮރިން މިނިސްޓްރީގެ ތެރޭގައި ހިނގާ ކޮންމެ ކަމަކަށްވެސް ޝާހިދު ފަރިތަވުމެވެ. އޭގެސަބަބުން އެއްވެސް ދިމާލަކުން އަތްދޮށުން ކަމެއް "ނެއްޓިގެންދާނަމަ" އެކަމެއް ޝާހިދު ހަމައަކަށް އަޅުއްވާނެއެވެ. އެގޮތުން ފައިސާގެ ކަމެއްގައިވެސް ކުޑަކޮށް ގޯހެއްގެ ތެރެއިން ދާން އުޅޭހެން ހީފުޅުވިޔަސް ޝާހިދު އެކަމަށް ވަގުތުން ޚާއްސަ ސަމާލު ކަމެއް ދެއްވައެވެ.
ޚަލީލް ވިދާޅުވީ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުން އެއްވެސް މައްސަލައެއް އޭރު ފެންނަން ނެތީ ފޮރިން މިނިސްޓަރަކަށް އޭރު ހުންނެވީ، މިވަގުތު ރާއްޖޭގައި ފޮރިން މިނިސްޓްރީ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅާ އެ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވުމުން ކަމަށެވެ. އެހެންވެ މުވައްޒަކަށްވެސް ގޯސްކޮށް ކަމެއް ކުރާނެ ފުރުޞަތެއް ނުވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"މީގަވާގޮތަކީ އެހެން މިނިސްޓަރުންނާ ޚިލާފަށް ފޮރިން މިނިސްޓްރީގައި އުޅުއްވާފައި ހުރި، ކެރިއާރ ޑިޕްލޮމެޓެއްވީމަ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ މިނިސްޓަރެއް ޝާހިދަކީ. ކޮންމެ ކަމެއްވެސް ގަވައިދުން ގެންދިޔުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ. ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވަރަށް ބޮޑަށް ބައްލަވާ. މިނިސްޓަރ ޝާހިދަށް އެއްވެސް އެއްޗެއް އޮޅިވަޑައިގައެއް ނުގަންނަވާނެ. ސްޓާފުންނަށް އެނގޭނެ އެއްވެސް ކަމެއް މިނިސްޓަރަށް އޮޅުވައެއްނުލެވޭނެކަން. އެއްވެސް ކަމެއް މާލިއްޔަތު ގަވައިދުން ބޭރުން ކޮށްގެންނުވާނޭ އަބަދުވެސް ވިދާޅުވާނެ. ހަމައެކަނި ވިދާޅުވަނީކީނޫން. ވަރަށް ބޮޑަށް ބައްލަވާނެ" ޚަލީލް ވިދާޅުވިއެވެ.
ހަމައެކަނި މިނިސްޓްރީއެއްނޫން، ހުރިހާ އެމްބަސީތައްވެސް ޝާހިދު ބައްލަވާ
އޭރު ޝާހިދުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ޚަލީލް ވިދާޅުވީ ފޮރިން މިނިސްޓްރީގެ މަސައްކަތަކީ އެ މިނިސްޓްރީގެ ހަތަރު ފާރުން އެތެރޭގެ މަސައްކަތްތަކެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އެމްބަސީތަކުގައި ކަންކަން ހިނގާ ނުހިނގާ ގޮތްވެސް ބަރާބަރަށް ޝާހިދު ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ހުރިހާ ދިމާލެއްވެސް ބައްލަވާ. އެކަން ކުރަން ތިބެނީ އަޅުގަނޑުމެން. ބަޖެޓާބެހޭ ބޭފުޅުންނަށް އެއްވެސް ކަމެއް ހުރިއްޔާ ހައިލައިޓް ކުރައްވާނެ. ދެން މަޝްވަރާކޮށްފައި މިނިސްޓަރާ ހަމައަށް ގެންދަން. ކޮންމެ ކަމެއްވެސް ވާނީ މިނިސްޓަރަށް އެނގިވަޑައިގެން. ގޯހެއް އުޅޭހެން ހީފުޅުވިޔަސް އެހިސާބުން ފިޔަވަޅު އަޅަން އަންގަވާނެ. އެމްބަސީ ތަކުންވެސް އޮޅުވައެއް ނުލެވޭނެ" ޚަލީލް ވިދާޅުވިއެވެ.
"މިނިސްޓަރ ޝާހިދު އެވަރަށް ޕުޝް ނުކުރައްވަންޏާ އެގޮތަށް ކުރިއަށް ނުގެންދެވޭނެ. ސަފީރުންނަށްވެސް މިނިސްޓަރު ސީދާ ގުޅުއްވާނެ. ގޯހުން ކަމެއް ދާހެން ހީވެގެން އަޅުގަނޑުމެން މައްސަލަ ހިފައިގެން ދާއިރު ގިނަފަހަރު މިނިސްޓަރަށް އެނގިވަޑައިގެންފައި އޮންނަނީވެސް. އޭގެ ހައްލުވެސް ގިނަ ފަހަރު ހޯއްދަވާފައި އޮންނާނީ." ޚަލީލް ވިދާޅުވިއެވެ.
ކޮވިޑްގައި ޝާހިދު އާދަޔާ ޚިލާފަށް ހުޝިޔާރު
ޚަލީލް ވިދާޅުވީ މުޅި ދުނިޔެ ފުރަބަންދު ކޮށްލި "ކޮވިޑް19″ ގެ ދުވަސްވަރަކީ މާލީ ހިސާބުތަކަށްވެސް މިނިސްޓަރ ޝާހިދު ޚާއްސަ ސަމާލުކަމެއް ދެއްވި ދުވަސްވަރެއް ކަމަށެވެ. އަދި އެއީ ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އެންމެ ބުރަކޮށް އުޅެންޖެހުނު ދުވަސްވަރު ކަމަށެވެ.
"އެކަމަކު މިނިސްޓަރު ވަރަށް ކާރިން ބަލާކަން އެނގޭތީ އެވަރަށް މަސައްކަތް ކުރެވުނީ. ކޮވިޑްގެ ދުވަސްވަރު މިނިސްޓަރ ޝާހިދު ވަރަށް ހުޝިޔާރު" ޚަލީލް ވިދާޅުވިއެވެ.
ކާމިޔާބު ހޯދުނީ މިނިސްޓަރާއި މުވައްޒަފުންގެ މެދުގައި ދުރުކަމެއް ނެތުމުން
ޚަލީލް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީއަށް އޭރު ރީތި ނަން ލިބިފައި ވަނީ ވަޒީރަކަށް ހުންނެވި އަބްދުﷲ ޝާހިދަކީވެސް ވަރަށް "އޯޕަން ބޭފުޅެއް" ކަމަށްވާތީ މުވައްޒަފުންނާއި މިނިސްޓަރާ ދެމެދު ދުރުކަމެއް ނެތުމުންނެވެ.
"މިނިސްޓަރު ވަރަށް އޯޕަންވާނެ. ކޮންމެ ކަމެއްގައިވެސް މަޝްވަރާ ކުރެވޭނެ، ޖޫނިއަރ ސްޓާފެއް ވިޔަސް މަޝްވަރާ ކުރަން ކަމެއް އޮތިއްޔާ ކުރައްވާނެ." ޚަލީލް ވިދާޅުވިއެވެ.
މިހާތަނަށް ދިމާވި އެންމެ ހިންގުންތެރި ވަޒީރު!
މިހުރިހާ ވާހަކަތަކަށް ފަހު ޚަލީލް ވިދާޅުވީ 42 އަހަރު އޭނާ ޚާރިޖީ ދާއިރާގައި އުޅުއްވިއިރު ދިމާވި އެންމެ ހިންގުންތެރި ވަޒީރަކީވެސް އަބްދުﷲ ޝާހިދު ކަމަށެވެ.
"މިހާތަނަށް ދިމަލެއްނުވޭ އެހާ ހިންގުންތެރި ވަޒީރަކު. ތަޖުރިބާއާއެކު ހުންނެވި ބޭފުޅަކަށް ވާތީ. މިނިސްޓްރީގެ ސްޓާފުންނަށްވުރެ މޮޅަށް އެނގިވަޑައިގަންނަވާ." ޚަލީލް ވިދާޅުވިއެވެ.
ޚަލީލްގެ ވާހަކަ ނިންމަވާލައްވަމުން އަދި ވިދާޅުވިއެވެ.
"ޝާހިދަކީ މި ގައުމުގައި އުފެދުނު އެންމެ ވަރުގަދަ އެއް ލީޑަރު. ޝާހިދު ދެން ނުކުރައްވާ އޮތީ ގައުމުގެ ރައީސްކަން އެކަނި. ޝާހިދު ދައްކައިދީފި އެއީ ވަރުގަދަ ލީޑަރެއްކަން. ރާއްޖެއަށް އެކަންޏެއްނޫން. މުޅި ދުނިޔެއަށް ދައްކައިދީފި. އެއީ ތަޖުރިބާ ހުރި ބޭފުޅެއް." ޚަލީލް ވިދާޅުވިއެވެ.