ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމްގެ ގުޅުން ގޯސްވެފައިވާތާ ދުވަސްތަކެއްވެ، އަދި އެ ދެބޭފުޅުން ބައްދަލުނުވެ ދުވަސް ތަކެއްވުމަށްފަހު އަބްދުއްރަޙީމް މިއަދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
ރައީސްއާ ބައްދަލު ކުރައްވަން މިއަދު އަބްދުއްރަޙީމް ރައީސް އޮފީހަށް ވަޑައިގަތް ސަބަބު ސާފުވާގޮތެއް އަދި ނުވެއެވެ. އަބްދުއްރަޙީމް ރައީސް އޮފީހަށް ވަޑައިގަތީ މަޖިލިސް ރައީސްގެ ރަސްމީ ކާރުކޮޅުގައެވެ.
ޕީއެންސީގެ ހަރަކާތްތަކުންވެސް އަބްދުއްރަޙީމް ނުފެނި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް މީގެ ދެދުވަހެއް ކުރިން ޕީއެންސީގެ ޖަގަހައަށްވެސް އަބްދުއްރަޙީމް ވަނީ ވަޑައިގެންފައެވެ. އެދުވަހުވެސް ނޫސްވެރިންގެ ސުވާލަށް އަބްދުއްރަޙީމް އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
ރައީސް މުއިއްޒާއި އަބްދުއްރަޙީމްގެ ގުޅުން ގޯސްވެ، ދާދިފަހުން ވަނީ އަބްދުއްރަޙީމްގެ ދަރިކަލުން އިބްރާހީމް ފައިސަލްވެސް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރައްވާފައެވެ. އަދި އަބްދުއްރަޙީމްގެ އާއިލާގެ ގިނަ ބޭފުޅުންތަކެއްވެސް ސިޔާސީ މަގާމު ތަކުން ވަކި ކުރައްވާފައިވެއެވެ.