ދިވެހި އަންހެނުންގެ ތިން ފިރިން ތިބޭ މައްސަލަ ބޮޑުވެފައިވާ ކަމަށާއި މިވަގުތު ފެންމަތި ވެފައިވާ ތިން ފިރިންގެ މައްސަލައިގެ އިތުރުންވެސް ތިން ފިރިންގެ މައްސަލަ ރާއްޖޭގައި ދިމާވަމުން އަންނަ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
އާއިލާއާބެހޭ ގަވާއިދުގެ ދަށުން ދަރިންގެ ޚަރަދަށް މިހާރު ކަނޑައަޅާފައިވާ އަދަދު ކުޑަ ކަމަށް ބުނެ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ބަހުސް ކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމިލީ ކޯޓުގެ މައުސޫމް ވިދާޅުވީ، ދަރިންގެ ހަރަދު ނުދޭން ގާނޫނާއި ގަވާއިދުގައި ކަނޑައަޅާގައިވާ އުސޫލު ތަކަށް ފިލަން ބޭރު ގައުމުތަކުގައި ކައިވެނިކުރާ މައްސަލަތަކާއި، ކައިވެނިތައް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަންޖެހޭ ހާލަތް ތަކެއް އެބަހުރި، އެއް އަންހެނެއް، ތިންފިރިން އެބަތިބި،" މައުސޫމު ވިދާޅުވިއެވެ.
މިވަގުތު އެ މައްސަލަ ދިމާވެފައިވާ އަންހެން މީހާއަށް އެހާލަތު ދިމާވެފައިވަނީ ފުރަތަމަ ކައިވެނި ރާއްޖޭން ބޭރުގައި ކުރުމަށްފަހު، އެކައިވެނި ރަޖިސްތްރީ ނުކުރެވޭ ހާލަތުގައި، އެކައިވެނި ނެތް ކައިވެއްޏެއްގެ ގޮތުގައި ދޫކޮށްލުމަށްފަހު، އެމީހުން އަމިއްލައަށް އިތުރު ކައިވެންޏެއް ރާއްޖޭން ބޭރުގައި ކުރުމަށްފަހު، ދެވަނަ ކައިވެންޏަށްވެސް ގޮތެއް ކަނޑަނޭޅި ތިންވަނަ ކައިވެންޏެއް ކުރުން ކަމަށެވެ. އެއީ ނުރައްކާތެރި ކަމެއް ކަމަށާއި، ނަސަބު އޮޅިގެން ހިގައިދާނެ ކަމެއް ކަމަށްވެސް މައުސޫމު ފާހަގަ ކުރެއްވިއެވެެ.
އެކަން އެގޮތަށް ވިޔަނުދިނުމަށް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން ފެމިލީ ކޯޓުގެ ހުއްދަ ނެތި ރާއްޖޭން ބޭރުގައި ކައިވެނި ނުކުރެވޭ ގޮތަށް އޮތް ނަމަވެސް ރާއްޖޭން ބޭރުގައި ކައިވެނި ކުރަނީ އުސޫލުތަކާ ހިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ، އެއް އަންހެނެއްގެ ގިނަ ފިރިން ތިބެގެން މައްސަލަ ފެންމަތިވި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި، ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައެއްގެ ތެރެއިންވެސް އެފަދަ ކަމެއް ފެންމަތި ވެފައިވާ ކަމަށެވެ.