ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ވަގުތަށްވުރެ، ވަގުތު އިތުރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލިސް ގަވާއިދުގައި ބުނަނީ ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭނީ، ދެގަޑިއިރަށް ކަމަށެވެ. އިހުސާންގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ، އިތުބާރުނެތް ކަމުގެ މައްސަލައިގައި ބަހުސް ކުރަން އޮންނަ ދެ ގަޑިއިރުގެ ތެރެއިން، މައްސަލައާ ބެހޭގޮތުން ބަހުސް ކުރަން ޕާޓީ ތަކަށް ދޮޅުގަޑިއިރުގެ ވަގުތު ދިނުމަށްފަހު، ޖަވާބުދާރީ ވާން ބައިގަޑިއިރުގެ ފުރުސަތެއް ވަޒީރަށް ދޭގޮތަށް ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު އާއި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ވިދާޅުވީ، އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، ގިނަ ތުހުމަތު ތަކެއް ހިމެނޭތީ، އެ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށްޓަކައި މައްސަލައަށް ޖަވާބުދާރީވާން ގިނަ ވަގުތު ތަކެއް މިނިސްޓަރަށް ދޭންޖެހޭނެ ކަަމަށެވެ.
މި މައްސަލައިގަ ބަހުސަށް ވުރެން ޖަވާބު ދާރީވުމަށް ދޭންޖެހޭ ވަގުތު އިތުރު ވާންޖެހޭ ކަަމަށް ވިދާޅުވެ، 30 މިނިޓް އިތުރުކޮށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވީ، ޖަވާބުދާރީވާން ވަޒީރަށް އެއް ގަޑިއިރު އަދި މައްސަލައަށް ބަހުސް ކުރަން ބައިގަޑިއިރުގެ ފުރުސަތު ޕާޓީ ތަކުގެ މެންބަރުންނަށް ދިނުމަށެވެ.
ނަމަވެސް އެ ހުށަހެޅުމާއި ބެހޭގޮތުން އެމްޑީޕީގެ ކަނޑިތީމުދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، އަބްދުއްސައްތާރު ހުށަހެޅުއްވި ގޮތުން، ވަޒީރަށް ވަގުތު އިތުރުވެ، މަޖިލީހުހައި ހިމެނޭ ހުރިހާ މެންބަރުންނަށް ލިބޭ ވަގުތުން ބައިގަޑިއިރު ކެނޑިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތުމުން ހުށަހެޅުން ފާސްވާނީ ޕީއެންސީ އެދޭގޮތަށް ކަން ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އަބްދުއްސައްތާރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.