ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލިސް ޗުއްޓީއަށް ދިއުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ނިންމުމާ މެދު ޚިޔާލު ތަފާތުވެ، ދެވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހު ވިދާޅުވީ، ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން އާންމު ކޮމިޓީން ނިންމި ނަމަވެސް އެކަން ބަދަލު ކުރުމުގެ ވިސްނުން ޕީއެންސީގެ ޕީޖީ ގްރޫޕްގައި މިހާރު އެބައޮތް ކަމަށެވެ.
ރޯދަ މަހު މަޖިލިސް ޗުއްޓީއަށްދާން އާންމު ކޮމިޓީއަށް ހުށަހެޅުއްވީވެސް ޕީއެންސީގެ މެމްބަރެކެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އެގޮތަށް ކޮމިޓީއަށް ހުށަހަޅައި އެގޮތަށް ފާސްކުރީވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ އާންމު ކޮމިޓީންނެވެ. ނަމަވެސް ފަލާހު ވިދާޅުވީ، އެ ނިންމުން ބަދަލުކުރުމާމެދު ޕީޖީ ގްރޫޕްގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ކޮމިޓީން ފާސްކުރުމުން އާންމުންގެ ފާޑުކިޔުން މެމްބަރުންނަށް ވަރަށް ބޮޑަށް އަމާޒު ވެގެންދިޔައެވެ.
ފަލާހު ވިދާޅުވީ މަޖިލިސް ރޯދަ މަހު ޗުއްޓީއަށް ދާން ކުރިން ވިސްނައި އެގޮތަށް ނިންމީ، ރޯދަ މަހުގެ ފަހު ދިހައެއް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ ކަމަށެވެ. އަދި ރޯދަ މަހު މަޖިލީހުގައި ކުރަންޖެހޭ މަަސައްކަތްވެސް މަދުވާނެތީ ކަމަށެވެ. އަދި ކުރިން ވިސްނީ ރޯދަ މަހު ޗުއްޓީ ހެދުމަށްފަހު އޭގެބަދަލުގައި އެހެން މަހެއްގައި ފުލްކޮށް މަސައްކަތް ކުރާ މަހަކަށް ހަދަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.