އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތައް ބާރުވެރިިކޮށް، ރަސްމީ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭ އިސްލާހަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ބިލަށް އާއްމުންގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން ބޭނުންވާ ހިޔާލު ނުވަތަ ކޮމެންޓް ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މެއިލް ކުރެއްްވުމަށް ނުވަތަ، މަޖިލިސް އިދާރާއަށް ލިއުމުން ފޮނުވުމަށްވެސް ވަނީ އެދިފައެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ. މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި ގެންނާން ޖެހޭ އިސްލާހުތައް ގެނައުމާއި، ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލު ތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައިދިނުމާބެހޭ އުސޫލުތައް ހިމެނެއެވެ.
ކައުންސިލްތަކަށް ސަރުކާރުންދޭ ހިލޭ އެހީ ފައިސާގެ ތެރެއިން ކޮމިޓީ ތަކުގެ ހަރަކާތްތައް ހިންގުމަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފައިސާ ކޮމިޓީ ތަކުން ބޭނުން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުންވެސް މި އިސްލާހު ގެނައުމުގެ ބޭނުން ތަކުގެ ތެރޭގައިި ހިމެނެއެވެ.
ގާނޫނުގެ 6-56 މާއްދާގެ (މ) ގައި މިހާރު ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.
މި މާއްދާއަށް ގެންނަން ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ ( ފ) ގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރަމަޟާންމަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މާއްދާގެ (ފ) އަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންް މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.