ރައްޔިތުންގެ ބާރު ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ފަނޑިޔާރުން ތިބެންޖެހޭނީ ސާބިތުކަމާއެކު ކަމަށް އުތަމަފަނޑިޔާރު މުއުތަސިމް އަދުދާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ގަޟާއީ އަހަރު 2025″ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، 2008 ވަނަ އަހަރު ދިވެހިން ހޯދި ގާނޫނުއަސާސީއިން ވަނީ ދައުލަތުގެ ތިން ބާރު ވަކިކުރެވި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މުސްތަގިއްލު ފަނޑިޔާރުގެއެއް ގާއިމުކޮށްފައި ކަމަށެވެ.
އެގޮތުން ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިނގައި ރައްޔިތުންގެ ހައްގު ކަށަވަރު ކުރެވޭނީ ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އިހުލާސްތެރިކަމާ އެކު ގާނޫނުގެ ބާރު ނަގަހައްޓައިގެން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނުގެ ބާރު ނެގެހެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ އިތުރުން މުސްތަަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއް ކަމަށާއި އަދުލްއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެންޖެހޭނެ ކަމަށެވެ.