ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރައްވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަކީ ތާއީދު ކުރެވޭ ކަމެއް ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުންވެސް ބަންދު ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށްފަހު، ހަޔެއްކަމަސް ފަހުން މަޖިލިސް އިންތިބު ބޭއްވުމުން، މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތުވެސް އެއިރަކު އޮންނަ ސަރުކާރަކަށް ލިބިގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ހެޔޮ ބަދަލެއް ކަމަށެވެ. ނަމަވެސް އެކަމަކީ ދެކޮޅަށްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތް ކަމެއްކަމުގައި ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ވިސްނުން ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ފާޅު ކުރައްވާފައެވެ.