ފާއިތުވީ، 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދަވައި، އޭގެ އެއްއަހަރު ފަހުން، މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އާ ވައުދުފުޅުތަކެއް ވެވަޑައިގެންނެވުމަކީ، ރައީސް ކުރެއްވި ޖެއްސުމެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން، އިދިކޮޅު މައި ޕާޓީގެ ރައީސް، ޝާހިދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދަވައި، އާ ވައުދުފުޅުތަކެއް ވެވަޑައިގަތުމަކީ، ރައީސްގެ އިސްތަށިފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތަށްވެސް ވެވަޑައިގެންނެވި އިހުމާލެއް ކަމަށެވެ.
"ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވީ ވައުދުތައް ރައްޔިތުންނަށް ނުފުއްދަވާ, މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް އެމަނިކުފާނު ވެވަޑައިގެންނެވި ބޮޑު އިހުމާލެއް. ކުރެއްވި ޖެއްސުމެއް" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވަނީ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމުގައި އަމަލު ކުރެއްވި ގޮތަށްވެސް ފާޑު ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މިއަދު ރައީސް ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު، އެމްޑީޕީގެ މެމްބަރުން މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަން ފެށުމުން، އެ މެމްބަރުންގެ ނަން އިއްވައި، ޖަލްސާ ވަގުތީ ގޮތުން މެދުކަނޑާލައި، އެއަށްފަހު އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެމްބަރުން މަޖިލިސް ތަޅުމުން ބޭރު ކުރުމަށްފަހު އަލުން ޖަލްސާ ކުރިޔަށް ގެންދިޔުން ޝާހިދު ސިފަ ކުރެއްވީ، ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް މި ސަރުކާރުން ފުނޑާލަމުން ދިޔުން ކަމަށެވެ.
"އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށް, އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަޖިލިސް ތަޅުމުން ބޭރު ކުރުމަށްފަހު، މިއަދު ރިޔާސީ ބަޔާން އިއްވި ނަމަވެސް، އެ ޕާޓީ ދެގޮތެއްނުވެ ދެމި އޮންނާނެ ކަމަށެވެ.
"ރައީސް މުއިއްޒުއަށް އިނދިކޮޅު އަޑު ފަނޑު ކޮށެއް ނުލެވޭނެ, މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ" ޝާހިދު ވިދާޅުވިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، އެމްޑީޕީގެ މެމްބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖުކޮށް އަޑު އުފުލަމުން ދިޔައިރު، މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގައި އެ ޕާޓީގެ އާންމު މެމްބަރުންވެސް ދިޔައީ އިޖުތިޖާޖުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.