ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޮތް ހަފްލާއެއްގައި ޔާމީން އާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު

މާލީ ވަޒީރަކަށް ހުންނަން ޒަމީރު ލަދު ނުގަންނާތީ ހައިރާންވޭ، ނުވަންޏާ ދުރަށް ދާންވީ: ޔާމީން

މާލީ ވަޒީރަކަށް ހުންނަން ޒަމީރު ލަދު ނުގަންނާތީ ހައިރާންވޭ، ނުވަންޏާ ދުރަށް ދާންވީ: ޔާމީން

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނަވަން، މިނިސްޓަރ މޫސާ ޒަމީރު ލަދުފުޅު ނުގަންނާތީ ހައިރާންވެވަޑައިގްނަނަވާ ކަމަށާއި، އެކަން ނުކުރެވެންޏާ ވަޒީރުކަމުން ދުރަށް ވަޑައިގަންނަވަންވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ކުރިޔަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ އޮތް ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓްތައް ކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް ދޭން ހުރި އެތައް މިލިއަން ރުފިޔާއެއް ނުދީ ތާށިވެފައި އެބަހުރި ކަމަށެވެ. އެހެންވެ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް، އަމިއްލަ ފަރާތްތަކަށް ދޭން ހުރި ފައިސާ ނުދެވި އޮތުމުން، ސަރުކާރަށް މަޝްރޫއު ހިންގައިދޭނެ ކުންފުންޏެއް މިހާރު ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، "ހުރިހާ ކޮންޓްރެކްޓަރުން އެ ތިބީ މިނިސްޓްރީ އޮފް ފިނޭންސް ދޮށުގައި ކޮންމެ ދުވަހަކު ކިއޫގައި" ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމާއި މި ވެރިކަމުގައި ހިންގި ޕްރޮޖެކްޓްތަކުގެ ފައިސާވެސް ފިނޭންސް މިނިސްޓްރީގައި ތާށިވެފައި އެބަހުރި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ ފައިސާ ދޫކުރުމަކީ މާލީ ވަޒީރު ޒަމީރުގެ ޒިންމާއެއް ކަމަށާއި، ދޭންޖެހޭ ފައިސާ ބަޔެއް ފަރާތްތަކަށް ސަތޭކަ މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އެހެންވެ، އެ ފައިސާ އެ ފަރާތްތަކަށް ނުދެވެންޏާ ޒަމީރު މަގާމުން ދުރަށްޖެހިވަޑައިގަންނަވަން ޖެހޭ ކަމުގައިވެސް ޔާމީން ވިދާޅުވިއެވެ.

"އެއީ އޭނާގެ ޒިންމާއޭ އެނގޭތޯ. އެކަން ނުކުރެވެންޏާ ދުރަށް ދާންވީ. އެހެން ކޮންމެވެސް މީހަކު ލައްވައި އެކަން ކުރުވަން. މި ބަދުނާމު ބޮލުގައި އަޅައިގެން އުޅޭވަރުގެ ނުތަނަވަސް ނޫނީ ލާރި، އަތްމަތި ދަތި މީހެއް ނޫން އޭނާއަކީ،" ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ޒަމީރަށް އަމާޒުވީއިރު، ޒަމީރަކީ، ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި ކުރިން އެ ދެބޭފުޅުންނަކީ ވަރަށް ގާތް ދެބޭފުޅުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *