ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު ސައުދީއަރަބިއްޔާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ މުއްތޮލިބުގެ މިދަތުފުޅަކީ ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކުރިއަށްދާ 4 ވަނަ ރިއަލް އެސްޓޭޓް ފިއުޗާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުފުޅެކެވެ.
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ ތެރެއިން، އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ސަޢޫދީ އަރަބިއްޔާގެ ހައުސިންގ މިނިސްޓަރ މާޖިދު ބިން އަބްދުﷲ އަލް-ހުގައިލްއާއި، މިނިސްޓަރ މުއްތޮލިބު ބައްދަލު ކުރަށްވައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ތަރައްގީ އާއި ކުރިއެރުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި، މިނިސްޓްރ މުއްތޮލިބުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސައުދީއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ރިއަލް އެސްޓޭޓާއި ހައުސިން ދާއިރާގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.