ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިއަދު ހއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ރައީސް ވަޑައިގަތުމާއި ދިމާކޮށް އެރަށުގެ ބަޔަކު އެމީހުންގެ ޝުއޫރުފާޅުކޮށް ރަށުގައި ދަމާފައިވާ ބެނާތައް ބަޔަކު ނައްޓާލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ދިއްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ ތައްޔާރު ވަމުންދިޔައީ ރައީސް މުއިއްޒު އެރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ޝުއޫރު ރައީސަށް އިއްވުމަށް ކަމަށެވެ. އެގޮތުން ރަށުގެ ގެއެއްގައި ބެނާތައް ހަދައި ރޭ ދަމާފައިވާއިރު، ރޭގެ ވަގުތެއްގައި އެ ބެނާތައް ބަޔަކު ނުކުމެ ވަނީ ނައްޓާލާފައެވެ. ބެނާތައް ހެދި މީހުން ބުނީ، އެމީހުން އެ ބަނާތައް ހަދަމުން ދަނިކޮށް ފުލުހުންގެ ބަޔަކު އެގެއަށް ވަދެ ސުވާލުކޮށް އިންޒާރު ދީފައިދިޔަ ކަމަށެވެ. ރޭ ބެނާތައް ނައްޓާލީ ކޮންބަޔެއްކަން ޔަގީންނުވާ ކަމަށް އެމީހުން ބުންޏެވެ.
ރައީސް ދިއްދޫއަށް ވަޑައިގަތުމާއި ދިމާކޮށް ދިއްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ޚިޔާލުފާޅުކުރުމަށް އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކޮށްފައިވާތީ ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ ދިއްދޫ ރައްޔިތުން ބަސް ބުނަން ތެދުވުމުން އެކަން ހުއްޓުވަން ސަރުކާރުން ކަންކަން ކުރުމަކީ ޙައްލެއްނޫން ކަމަށެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ. ދިއްދޫ ރައްޔިތުން ބަސް ބުނަން ތެދުވީމާ އެކަން ހުއްޓުވުމަށް ސަރުކާރުން ކަންކަން ކުރުމަކީ ހައްލެއް ނޫން. ދިވެހިން އަޑު އިއްވާނެ." ޝާހިދު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މިއަދު ހއ. އަތޮޅަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގެ ދިހަ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމެވެ.