އެމްޑީޕީ ދޮރުން ދޮރަށް: އެންމެ ގިނަ މީހުންގެ ޝަކުވާއަކީ ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހިފައިވާ ވާހަކަ

އެމްޑީޕީ ދޮރުން ދޮރަށް: އެންމެ ގިނަ މީހުންގެ ޝަކުވާއަކީ ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހިފައިވާ ވާހަކަ

އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ހަރަކާތުގެ މައުލޫމާތު ޙިއްސާ ކުރުމަށް މާލެ ސިޓީގެ ގެތަކަށް ޓީމުތަކުން ކުރަމުންދާ ޒިޔާރަތުގައި ރައްޔިތުންގެ ފަރާތުން ހާމަ ކުރަމުންދާ އެންމެ ބޮޑު ކަންބޮޑުވުމަކީ އާސަންދައިގެ ޚިދުމަތް ނުލިބި، ބޭސްފަރުވާއަށް ސަލާން ޖަހަން މިހާރު ޖެހިފައިވާ ވާހަކަ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ، ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހި، ދިވެހި ރައްޔިތަކަށްވީތީ އައިޑީކާޑު ދައްކައިގެން ބޭސްފަރުވާގެ ޚިދުމަތް ހޯދޭނެ މަގު ތަނަވަސް ކުރުމަކީ އެމްޑީޕީން އޭރު ވަކާލާތު ކޮށްގެން ރައްޔިތުންނަށް ހޯދައިދިން ކާމިޔާބެއް ކަމަށެވެ.

"ދޮރުން ދޮރަށް މިކުރާ ޒިޔާރަތަކުގައި އެންމެ ގިނަބަޔަކު ހާމަ ކުރަނީ މިއަދު ތިމަންނާމެން ސަލާން ޖަހަން ޖެހިފައި ވާކަން. ޑައެލިސިސް ނިމުމަށް ފަހު، ތިމަންނާ ބޭނުން ކުރަންޖެހޭ ބޭސް މިއަދަކު ނުލިބެއޭ. ލޮލުން ކަރުނަ އައިސް އެވާހަކަ އެދައްކަނީ އެމީހުންނަށް އަސަރު ކުރާތީ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެއްވެސް ސިޔާދަތެއް ނެތި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާމެދު ކަންކުރަމުންދާ ގޮތުން އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުން ހާލުގައި ޖެހެމުންދާ ކަމަށެވެ. އެހެންވެ މި ސަރުކާރާމެދު ރައްޔިތުންގެ ކިބައިގައި އިންތިހާއަށް ހިތްހަމަނުޖެހުން މިހާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި، ކޮންމެ ދިމާލަކަށް ދިޔަސް އިވެނީ ސަރުކާރާމެދު ޝަކުވާގެ އަޑުތައް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *