ދުނިޔޭގެ ތަޢުލީމީ ދުވަސް- އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް: ރައީސް

ދުނިޔޭގެ ތަޢުލީމީ ދުވަސް- އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް: ރައީސް

ދުނިޔޭގެ ތަޢުލީމީ ދުވަސް މިއަދު ފާހަގަ ކުރާއިރު، މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން މިއަދު ހިއްސާ ކުރެއްވި ޚާއްޞަ މެސެޖުގައެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ތަޢުލީމު ދުވަސް ފާހަގަ ކުރަމުންދާ މި ދަނޑިވަޅުގައި، ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރި ކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށެވެ. އަދި މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރު ކަމަށްވާ، "އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެން ދިއުމަކީ ލާޒިމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަތީފަންތީގެ އީ-ލަރނިންގ ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވަރޗުއަލް ރިއަލިޓީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ކުރިމަގު، މުސްތަޤުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެކަމަށެވެ. ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރައްވައި، "ސްޓީމް" ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

މިއަދު، ތަޢުލީމުގެ މުހިންމުކަން ހަނދާން ކުރަމުންދާ ހިނދު، ކުޑަކުދިންނާއި ޒުވާނުންގެ ޢިލްމާއި ހުނަރުތައް އިތުރުކުރުމަށް، ތަޢުލީމީ ދާއިރާގައި އިޚުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތަޢުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި، މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދި ކޮށްދޭ ފަދަ އަގުކުރުންތައް ޤާއިމ ުކޮށްދޭފަދަ، ޚިޔާލާއި އުފެއްދުންތެރި ކަމަށް ހިތްވަރުދޭ ފަދަ، އަދި ބަދަލުވަމުން މިދާ ދުނިޔޭގައި ފައި ހަމަކޮށްލުމުގެ ޤާބިލުކަން ލިބޭފަދަ، ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *