އާރުޑީސީން 11.9 މިލިޔަން ރުފިޔާ ހޯދަން ކުރި ދައުވާ ކޯޓުން ބާތިލު ކޮށްފި

އާރުޑީސީން 11.9 މިލިޔަން ރުފިޔާ ހޯދަން ކުރި ދައުވާ ކޯޓުން ބާތިލު ކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިބިޓެޑް (އާރުޑީސީ)ން 11.9 މިލިޔަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ ބާތިލު ކޮށްފިއެވެ.

މި މައްސަލައިގައި އާރުޑީސީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، އިންސެގޫރޯ އިންޝޫރެންސްގެ ފަރާތުންނެވެ. އެ ފަރާތުން ދައުވާކޮށްފައި ވަނީ އެ ކުންފުނި މެދުވެރިކޮށް 7 ޖޫން 2023 އިން ފެށިގެން 7 ޖަނަވަރީ 2024 ގެ ނިޔަލަށް ހޯދާފައިވާ އިންޝޫރެންސް ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އާރުޑީސީން ދައްކާފައި ނުވާތީއެވެ.

މި ދައުވާގައި، އެ ކުންފުނި މެދުވެރިކޮށް އާރުޑީސީިން ހޯދާފައިވާ އިންޝޫރެންސް ޚިދުމަތް ތަކަށް ދައްކަންޖެހޭ 6.3 މިލިޔަން ރުފިޔާ އާއި ތަކުރާރުކޮށް އެދިގެންވެސް އެފައިސާ ނުދެއްކުމުން އެކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5.5 މިލިޔަން ރުފިޔާގެ އިތުރުން، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ގާނޫނީ ފިޔަވަޅު އަޅަން ޚަރަދު ކުރަން ޖެހުނު 40،000 ރުފިޔާއާއެކު ޖުމްލަ 11.9 މިލިޔަން ރުފިޔާ އާރުޑީސީން ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް މި ދައުވާއަށް ޖަވާބުދާރީވުމަށް އާރުޑީސީއަށް އެންގުމުން ކޯޓުގެ އިހުތިސާސާމެދު އިއުތިރާޒްކޮށް އެފަރާތުން މައްސަލަ ހުށަހެޅިއެވެ.

އެކަމާގުޅިގެން މައްސަލައިގެ އަޑުއެހުމަށް އިއްޔެ ބޭއްވުމަށް ތާވަލްކޮށް އެ އަޑުއެހުމަށް ހާޒިރުވާން ފޮނުވި ކޯޓު އަމުރު އިންސެގޫރޯ އިންޝޫރެންސްއަށް ރައްދު ކުރި ނަމަވެސް އެފަރާތުން، ނުވަތަ އެފަރާތުން އައްޔަން ކޮށްފައިވާ ފަރާތަކުން ވިޔަސް އަޑުއެމުމަށް ހާޒިރުވެފައެއްނުވެއެވެ. އޭގެއިތުރުން އަޑުއެހުމަށް ހާޒިރު ނުވުމަށް މަގުބޫލު އުޒުރެއް ބަޔާންކޮށް ހުށަހެޅުމެއް ހުށަހަޅާފައެއްވެސް ނުވެއެވެ.

ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބުނަނީ، ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، އެ ގަވާއިދުުގައި ކަނޑައަޅާފައިވާ ފަދަ، އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައި ގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެހެން ކަމުން މި ދައުވާ ފޯމު ބާތިލްކޮށް، މި ގަޒިއްޔާ ނިންމީ ކަމަށް މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ޒުލެއިޚާ ޝީޒާގެ ނިންމެވުމުގައި ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *