ބްރޯޑްކާސްޓިން ކޮމިޝަނަށް ސަރާހަތު އާއި މުހަންމާކަލޯގެ އައްޔަން ކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނަށް ސަރާހަތު އާއި މުހަންމާކަލޯގެ އައްޔަން ކުރަން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރު ކަމުގެ ދެ މަގާމަށް ކުރީގެ ކޮމީޑިއަން އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މުހަންމާކަލޯ އާއި ސަރާހަތުގެ ނަން ކޮމިޝަނަށް ރުހުން ދީފައިވާއިރު މި މަގާމަށް ބާރަ ބޭފުޅަކު ކުރިމަތި ލެއްވިއެވެ. މީގެތެރެއިން މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީވެސް މުހަންމާކަލޯގެ ނަމެވެ. ދެވަނައަށް އޮތީ މުއާޒްގެ ނަމެވެ. ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިތުރަށް ދިރާސާކޮށް މަޖިލީހަށް ނަންތައް ފޮނުވިއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަރާހަތުގެ ނަމެވެ. ދެވަނައިގައި އޮތީ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ. މުހަންމާކަލޯގެ ނަން އޮތީ ތިންވަނައިގައެވެ.

މަޖިލީހުގައި މިއަދު އެންމެ ފުރަތަމަ ވޯޓަށް އެހީ ލިސްޓުގެ 1 ވަނައިގައި އޮތް ސަރާހަތުގެ ނަމަށެވެ. އޭނާގެ ނަން ފާސްވީ 68 މެމްބަރުންގެ އިތިފާގުންނެވެ. ދެން ވޯޓަށް އެހީ ޝިފްޒާގެ ނަމަށެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ނަމަވެސް 11 މެމްބަރަކު ވޯޓު ދެއްވީ ޝިފްޒާއާ ދެކޮޅަށެވެ. އެހެންވެ ޝިފްޒާގެ ނަން ފާހެއްނުވިއެވެ.

ދެން ވޯޓަށް އެހީ މުހަންމާކަލޯގެ ނަމަށެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ. މުހަންމާކަލޯއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *