ފާއިތުވީ 2024 ވަނަ އަހަރު، މުދަލު ޒަކާތުގެ ގޮތުގައި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުން ފުރަތަމަ ފަހަރު ކަމަށެވެ. މިނިސްޓްރީން ބުނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު އުފައްދާފައިވާ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެެއް ކަމަށެވެ.
މިނިސްޓްރީން ބުނީ، ނިމި ދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ދިވެހި ރައްޔިތުން ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުން ޒަކާތުގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު އިތުރު ވެފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އިން އެކުލަވައިލާފައިވާ ހިސާބު ތަކުން ދައްކައެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101,939,070.15 (ސަތޭކަ އެއްމިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި) ވަނީ ލިބިފައެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ދިވެހި ރައްޔިތުންގެ ތެރޭގައި ތިއްބެވި ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތުގެ ކަންކަމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާ ކުރާކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަބަދުވެސް ޚަރަދު ކުރެވެމުންދަނީ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އޭގެ ޙައްޤުވެރިންގެ މައްޗަށް ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ބުނެފައިވެއެވެ.