ރާއްޖޭގެ އިގްތިސޯދު މިހާރު މި ވަނީ ކަންކުރަން ނޭނގޭ ބަޔެއްގެ އައްމައްޗަށް ދިޔުމާއެކު ފުނޑާލާފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ، އެއް ބިލިއަން ޑޮލަރުގެ އާންމުދަނީއެއް ސަރުކާރަށް ލިބުނުއިރުވެސް، ޑޮލަރުގެ އަގު ތިރިވެފައި ނެތް ކަމަށެވެ.
"މިދިޔަ އަހަރުގެ މާޗު ހިސާބުގައި ސަރުކާރުގެ އެކިއެކި ވަޒީރުންވެސް ނުކުމެވަޑައިގެން ވިދާޅުވީ، ދެން ޑޮލަރު މައްޗަކަށް ނުދާނޭ. މިހާރު އެހެރީ ތިރިއަށް ޖަހާފައޭ. އެ ޖެހިއެއްޗެއް ޖަހާފަހުރި ދިމާލެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ. އެކަމަކު ޑޮލަރުގެ އަގު ހުރީ ހަމަގައިމުވެސް އަދިވެސް ވިހި ރުފިޔާއަށް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްވެސް ދުނިޔޭގެ ކުރިމަތީގައި ވައްޓާލާފައިވާ ކަމަށެވެ. ސަރުކާރުގެ ވެރިންގެ ސަބަބުން މިލިއަން ޑޮލަރުގެ ގެއްލުން ފަތުރުވެރިކަމަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރު ހިންގަން ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކުރުމުން، ރިސޯޓުތަކަށް ބޮޑުތަނުން އެނގުން ވާވަރަށް މީހުން އައުން މަދުވެގެންދިޔަ" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޑޮލަރުން ލިބެމުންދިޔަ ސާވިސްޗާޖުވެސް މި ހިނގާ ޖެނުއަރީ މަހުން ފެށިގެން ރުފިޔާއިން ދޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެގޮތަށް ހަދަން ޖެހުނީ ސަރުކާރުން ފަތުރުވެރިކަމަށް އަމާޒުކޮށް ހެދި ޕޮލިސީއާހެދި ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަސްވެރިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މަސްވެރިކަން މިހާރު މިއޮތީ މުޅިން އިދަޖެހިފައި ކަމަށެވެ.
"މަހުގެ އަގު މިއަދު ދިހަ ރުފިޔާއަށް ވައްޓާލައިފި. ދިހަ ރުފިޔާއަށް ވައްޓާލައިފި. ޑޮލަރުން ދެވުނު އެންމެ ފައިސާ ފޮއްޗެއްވެސް މަސްވެރިންނަކަށް ނެތް. މަހުގެ އެކްސްޕޯޓް ފަންސާސް ޕަސެންޓް މިއަދު މިވަނީ ދަަށްވެފަ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޮޑިވެރިންނަށްވެސް މިއަދު ގޮތް ހުސްވެއްޖެ ކަމަށާއި، މަސްދޯނި ފަހަރު އެއްގަމަކަށް އެހެލަން ފަށައިފި ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ފޮތުންވެސް ހުރިހާ ސަބްސިޑީއެއް ކަނޑާލާފައިވާ ކަމަށެވެ. އަދި މިހާރު މި ވަނީ ސަލާން ޖެހުމުގެ އުސޫލެއް ގާއިމް ކޮށްފައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.