ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް އެ މަނިކުފާނު ފަށްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެޓީރިއަލް އަދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައި ހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައި ހުރި މަޝްރޫޢު ތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިފަދަ މަޝްރޫޢު ތަކަށް އެންމެ ބޮޑަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށްޓަކައި، މިދިޔަ ހަފުތާ ތެރޭގައި މިކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލު ކުރައްވައި، މިކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކުރުމަށް ރާވާފައިވާ ގޮތާއި އެކަމަށް ބޭނުންވާ ފައިސާވެސް މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސައި ދީފައިވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރަތަފަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވައި ކުރިއަށް ގެންދަވާ މަޝްރޫޢު ތަކުގެ މަޢުލޫމާތު ހާމަ ކުރައްވަމުން، ރަތަފަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫޢު އަލުން ފަށްޓަވައި، އެކްސްޓެންޑް ކުރަންޖެހޭ ސަރަޙައްދާއެކު އެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނަށް ދެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރާއިރު އިރާދަކުރެއްވިއްޔާ ރަށު ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދަކާއެކުގައި ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢު ފަށްޓަވައިގެން ކުރިއަށްގެންދަވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޝްރޫޢުގެ ތެރެއިން ރަތަފަންދޫގައިވެސް އޭ.ޓީ.އެމް.ގެ ޚިދުމަތް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.
އަދި ކުނި މެނޭޖްކުރުމަކީވެސް ހަމަ މިފަދަ އެހެން މަޝްރޫޢެއް ކަމަށާއި މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި، އެރަށެއްގެ އާބާދީއާއި އެރަށެއްގެ ނީޑަށް ބަލާފައި އެރަށަކަށް ބޭނުންވާ ކެޕޭސިޓީގައި، އެ ރަށަކަށް ބޭނުންވާ ފެންވަރުގައި، ހުރިހާ ކަމެއް ހަމަކުރެވިފައިވާ، ތަކެތީގެ ގޮތުންނާއި އެކިކަހަލަ ވަޞީލަތްތަކުގެ ގޮތުން ކަންތައް ފުރިހަމަ ކުރެވިފައިވާ، ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ރަތަފަންދޫގައި ޤާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށުގެ އައިސް ޕްލާންޓުގެ މަސައްކަތަކީ ސަޢުދީ ފަންޑުގެ އެހީގައި ކުރައްވަމުންދާ މަސައްކަތެއް ކަމަށާއި މާލީ ވަޒީރު ވަރަށް އަވަހަށް އެ ފަންޑުގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި އެ މަޝްރޫޢުގެ ތެރެއިން ހަމަޖެހެންޖެހޭ ބައެއް ކަންކަން ހަމަޖެހިގެންދިއުމާއެކުގައި އެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ތެރޭގައި ރަތަފަންދޫއަށް ބޭނުންވާ ގިނަ ކަންކަން ފެށޭނެ ކަމަށާއި އެކަންކަމަށް ސަރުކާރުން ވަރަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަތަފަންދޫއަކީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައްޔިތެއް ދިރިއުޅުއްވާ ރަށެއް ކަމަށާއި ވަރަށް ރަނގަޅަށް ކިޔަވާވިދާޅުވެގެން ތިއްބެވި ޤައުމަށް ޚިދުމަތް ކުރަމުންދާ އެތައް ދަރިންނެއް އުފައްދަވާފައިވާ ރަށެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ޞިއްޙީ ދާއިރާގައިވެސް ރަށަށް ނިސްބަތްވާ އެތައް ޑޮކްޓަރުންނެއްވެސް އުޅޭ ކަމަށާއި މީގެ އިތުރުން އެހެނިހެން ދާއިރާތަކުގައިވެސް ކިޔަވައިގެން ތިއްބެވި ބޭފުޅުން ތިއްބެވި، ފަޚުރުވެރި އާއިލާތަކެއް ދިރިއުޅުއްވާ ރަށެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށުގެ ތަޢުލީމަށް، ރަށުގެ ދުޅަހެޔޮކަމަށް، ރަށުގެ އިޖުތިމާޢީ ހަމަޖެހުމަށް، ކުރިއެރުމަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ކުލަޖައްސައިދީ އިރާދަކުރެއްވިއްޔާ އެކަމުގައި ނަތީޖާ ނެރެދެއްވުމަށް އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.
މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ޞިއްޙީ މަރުކަޒާއި ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ވަޒަންކުރައްވާފައެވެ.