ރާއްޖޭގެ ހުރިހާ ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގުމަށް މިމަހު ބިޑަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިއަހަރުގެ ބަޖެޓް އެކުލަވާލާފައިވަނީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެހެން ކަމުން މިއަހަރު އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ރަށްރަށުގައި ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ހިންގުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ދަންނަވާފަ އޮންނާނެ މިމަހުގެ ތެރޭގަ، ޖެނުއަރީ މަސް ނިމުމުގެ ކުރީން އަޅުގަނޑު ރަށްރަށުގައި ހައުސިން ޔުނިޓް ހެދުމަށްޓަކައި އަޅުގަނޑު ކެމްޕޭންގައި އިއުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫއެއް ޓެންޑަރަށްލައި އަޅުގަނޑުމެން ބިޑަށް ހުލުވާލައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން. އެ ޕްރޮސެސްގެ ތެރެއިން ކޮންޓްރެކްޓަރުން ހޯދި ދެން މަސައްކަތްތައް ހަވާލު ކުރެވި ކުރިއަށް ދާން،" ރައީސް ވިދާޅުވިއެވެ.