މިއަދު ހެނދުނު 10 ޖަހާކަންހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސް، އެތަނުގައި އޮތް ޕިކަޕެއްގެ ދަށަށް ކާރު ވަދެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރެލިމިނަރީ އެސެސްމެންޓް ތަކުން ލަފާ ކުރެވޭ ކަމަށެވެ. އަދި ޙާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ހާދިސާގައި ކާރު ދުއްވާފައި ދިޔައީ ޕިކަޕުގެ ފަހަތުންނެވެ. ކާރު ދިޔަ ބާރު މިނުގައި ގޮސް ޕިޕަކުގެ ދަށަށް ވަދެ، ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކާރުގެ ބޮޑުބައި އޮތީ ޕިކަޕުގެ ދަށުގައެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށާއި ކާރުގެ ފަހަތު ސީޓުގައި އިން މީހާއަށްވެސް އަނިޔާވި ކަމަށެވެ. ނަމަވެސް ފަހަތު ސީޓުގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވާކަމަށް ވެއެވެ. ފަހަތުގައި އިން މީހާއަށް ފަރުވާ ދީފައި ވަނީ އެއާޕޯޓުގައި ހުންނަ ކްލިނިކުގައެވެ. ނަމަވެސް ޑްރައިވަރުގެ ހާލު ސީރިއަސް ވުމުން އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައެވެ.
ޕިކަޕުގައި ޖެހުމުގެ ކުރިން އެ ކާރު ވަނީ މަގުމަތީގައި ހުރި ރޯޑް ޑިވައިޑާތަކާއި ވޭނެއްގައިވެސް ޖެހިފައެވެ.
މި އެކްސިޑެންޓު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.