ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ފަރާތުން ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާ ބޯޓު މިއަދު ރާއްޖެ ގެެނެސްފިއެވެ. މިއީ މޯލްޑިވިއަނުން މި މަރުކާގެ ބޯޓު ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ސިންގަޕޫރުން މާލެ ގެނައިއިރު، މި ބޯޓު ދުއްވަން ތިބީވެސް ދިވެހި ޕައިލެޓުންނެވެ. އަދި އެހެން ކަންކަމުގައިވެސް އުޅުނީ ދިވެހިންނެވެ. ބޯޓުގެ ޕައިލެޓުންގެ ގޮތުގައި ތިބީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާ ތަކެއް ހޯދާފައިވާ ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. ތޮއްލަތު މިހާރު އުޅެނީ ގަތަރު އެއާލައިންގައެވެ. ބޯޓުގެ އިންޖިނިއަރަކަށް ހުރީ އަހުމަދު ޝިއުޒެވެ. އަދި މި ބޯޓު ރާއްޖެ ގެނައިއިރު، ކްރޫއިންގެ ގޮތުގައިވެސް ތިބީ މުޅިންވެސް ދިވެހިންނެވެ.
މިއަދު ހަވީރު ޚާއްސަ ރަސްމިއްޔާތަކާއެކު އޮތް މި ހަރަކާތުގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުގެ ކުރިން އެއާރޝޯއެއްވެސް ވަނީ ބާއްވާފައެވެ. މި މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅަށް ގިނަބަޔަކު އެއްވެފައިވެސް ތިއްބެވެ. މޯލްޑިވިއަންގެ ބޯޓުތައް ވަނީ މާލެ ކައިރިއާއި ހުޅުމާލެ ކައިރިންވެސް ދުއްވާފައެވެ.
މޯލްޑިވިއަނުން މި ގެނައި ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޮޑު ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްވެސް ހިމެނެއެވެ. މިއީ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭވަރުގެ ބޯޓެކެވެ.
މޯލްޑިވިއަނުން ބުނީ މި ބޯޓު ޗައިނާގެ ބެއިންޖިން އާއި ޝެންހާއީ އާއި ޗެންގްޑޫއަށް ދަތުރުތައް އަޅާނެ ކަމަށެވެ.