ހުޅުމާލޭގައި މިދިޔަ މަހު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެކުރިން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ޚިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
އަދި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.