މެދުރާއްޖެތެރެއަށާއި އުތުރުގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިއަދު ބުނީ މާލޭގައި ވަރަށް ބޮޑުކޮށް ފެންބޮޑުވުމުގެ ސަަބަބުން 3 ސަރަހައްދެއްގައި 9 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އެކި ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އަދި މާލޭއިން ފެން ހިންދުމުގެ މަސައްކަތް 3 ސަރަހައްދެއްގައި ނުވަ ޕަންޕް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށް ސިފައިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވުމާ ގުޅިގެން ފުލުހުންވެސް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 911 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު އޮރެންޖު އެލާޓުގެ ވަގުތު ދަންމާލައި މިރޭ ވޭސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ އެލާޓް ނެރެފައި ވަނީ މެންދުރުފަހު ތިނަކުން މިރޭ ހަތަކަށެވެ.
އެލާޓުގެ ވަގުތު ހަމަވުމާ ގާތްވެފައިވަނިކޮށް އެ އިދާރާއިން ވަނީ ވަގުތު އިތުރަށް ދަންމާލާފަ އެވެ. މިރޭގެ އެގާރަ ޖެހުމާ ހަމައަށް އެ ސަރަހައްދަށް މެޓް އޮފީހުން އެލާޓް ނެރުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.
އޭގެ އިތުރުން ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ. މެޓުން ބުނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށް ކަމަށެވެ.