ރައީސް ބައްލަވަނީ ކޮރަޕްޝަން ހިންގި މީހާއަކަށް ނޫން، ކުރި ކަމަކަށް: އަބްދުއްރަހީމް

ރައީސް ބައްލަވަނީ ކޮރަޕްޝަން ހިންގި މީހާއަކަށް ނޫން، ކުރި ކަމަކަށް: އަބްދުއްރަހީމް

ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަނީ މީހާއަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމަކަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ހާލަތު މި ހިސާބަށް ދިޔައީ ކޮރަޕްޝަން ހިންގި މީހާއަށް ބަލައިގެން ސަރުކާރު ތަކުން ފިޔަވަޅު އެޅުމުގެ ސަބަބުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ.

"ކަންކުރި މީހާއަކަށް ނޫން ބަލަންވީ، ކުރި ކަމަށް ބަލަންވީ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަންކުރި މީހާއަށް ބަލައިގެން ކަންކަން ބަލަން އުޅުން. އެހެން އުޅެން ހަދައިގެން އަޅުގަނޑު މި ދެންނެވި ގޮތަށް އެ ފައިސާތައް ނުހޯދި މިހާ ގިނަ ދުވަސްވީ" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ؟ އެކަން ކުރީ ހަމައިންތޯ، ނަހަމައިންތޯ، ގާނޫނާ އެއްގޮތަށްތޯ، ގާނޫނާ ހިލާފަށްތޯ، މާލިއްޔަތު ގާނޫނުން އެކަން ކުރަން ތަންދޭތޯ، އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ، އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި މީހާއަށް ނުބަލައި ފިޔަވަޅު އަޅާނެކަން ރައީސް ގެންދަވަނީ ދައްކަވަމުން ކަމަށެވެ. އެކަމުގެ މައްސަލައަކީ އެޗްޑީސީގެ ތެރޭގައި ހިނގައިގެން އުޅޭ މައްސަލަތަކުގެ ތެރޭގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދަށް ފިޔަވަޅު އެޅުއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަޒުލްއަކީ މިނިސްޓަރު ފެންވަރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި ނަމަވެސް ރައީސް ވަނީ ޖެހިލުމެއް ނެތި އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މީހަކު ކުރި ކުށަކާއި ގުޅިގެން އެ މައްސަލަ ތަހުގީގީ އިދާރާ ތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *