ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުން ރާއްޖޭގެ ބޭންކު ތަކަށް ޑޮލަރު މާރު ކުރުމަށް ހެދި ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފޮރިން އެކްސްޗޭންޖް ޤާނޫނު ފާސްކޮށްފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. އެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މިއަދު އަމަލު ކުރަންފެށި މި ގާނޫނުގައި ވާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ އަތުން ޑޮލަރު މާރު ކުރަން ނުޖެހޭނެއެވެ. އަދި ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި 20 އިންސައްތައަށްވުރެ މަދުން ޑޮލަރު މާރު ކުރުމުގެ އިޚްތިޔާރުވެސް ގާނޫނުގެ ތެރެއިން ވަނީ ލުއި ކޮށްދީފައެވެ.
ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނަމަ އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން މި ގާނޫނުގައި ލާޒިމް ކުރެއެވެ.
މީގެއިތުރުން، ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ހޮޓާ ތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެއެވެ. 500 ޑޮލަރު މާރު ކުރުމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރުމެވެ.
އަދި ޓޫރިސްޓުން އުފުލާ ސަފާރީތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިޔަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ގާނޫނުން ވަނީ ލާޒިމް ކޮށްފައެވެ. އަދި މިކަމަށް ދީފައިވާ ލުއިގެ ތެރޭގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރުވެސް ހިމެނެއެވެ.
ސަރުކާރުން ލަފާ ކުރަނީ މި ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު މިހާރު ކުރިމަތި ވެފައިވާ ޑޮލަރުގެ ތާށި ކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.