ބިންވެރިޔާ ސްކީމުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓައިފައިވާ މީހުންގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ 9 މީހުންގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ޕްރޮސިކިއުޓާރ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. 9 މީހުންގެ ތެރެއިގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ވަގު ލިޔުން ހަދައިގެން ޝަރުތު ހަމަނުވާ ބަޔަކަށް ބިންވެރިޔާ ސްކީމުން ގޯތިދިން މައްސަލައާއި ގުޅިގެން ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ތަހުގީގަށް ސުވާލުކުރި ފަރާތްތަކުން ބުނެފައިވަނީ ފޯޖުކުރި ލިޔުންތައް ދީފައި އޮތީ ކުރީ ސަރުކާރުގައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ފަޒީލާ ސުވާލުކުރުމުން އޭނާ ވެސް ބުނެފައިވަނީ އެ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޯތި ނުލިބުމުން ފަޒީލް ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ވެސް ބައްދަލުކޮށްފައެވެ.