މަންމޯހަން ސިންގަކީ ރާއްޖޭގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރެއްވި ބޭރުގެ ލީޑަރު، އެއީ ރާއްޖޭގެ ރަހުމަތްތެރިއެއް: ޝާހިދު

މަންމޯހަން ސިންގަކީ ރާއްޖޭގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރެއްވި ބޭރުގެ ލީޑަރު، އެއީ ރާއްޖޭގެ ރަހުމަތްތެރިއެއް: ޝާހިދު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރެއް ދެއްވި ރާއްޖެއިން ބޭރުގެ ފުރަތަމަ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ އިސް ލީޑަރު މަންމޯހަން ސިންގް ސިއްހީ ހާލުކޮޅު ގޯސްވެ އެއިމްސް ދިއްލީގައި އެޑްމިޓްކުރީ ރޭ 8:00 ހާއިރުއެވެ. ފަރުވާ ދެމުން ދަނިކޮށް އެމަނިކުފާނު ވަނީ އަވަހާރަވެފަ އެވެ.

މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ޝާހިދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންމޯހަން ސިންގް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތަމާޔާއެކު ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި 2011 ވަނަ އަހަރު މަންމޯހަން ސިންގު ރާއްޖެ ވަޑައިގެންނެވިއިރު އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑު ވަނީ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް މަންމޯހަން ސިންގް ކައިރީގައި އެދިވަޑައިގެންފައި. މިއީ ރާއްޖެއިން ބޭރުގެ ލީޑަރަކު މަޖިިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރު" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު މަންމޯހަން ސިންގުގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށެވެ.

"މަންމޯހަން ސިންގަކީ ރާއްޖޭގެ އެކުވެރިއެއް" ޝާހިދު ވިދާޅުވި އެވެ.

މަންމޯހަންގެ އާއިލާގެ މީހުންނަށް ކެންތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *