ފުލުހުންގެ ތަހުގީގުކުރަމުންދާ ބިންވެރިޔާ ހައުސިން ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަޒީލްގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.
ފަޒީލްގެ މައްސަލަ ފެންމަތިވީ ބިންވެރިޔާ ސްކީމުގެ ދަށުން ފަޒީލްއަށް ގޯތި ނުލިބި އޮއްވައި ގޯތި ލިބުނުކަމުގެ ލިޔުން ހުށަހަޅައި ގޯތީގެ ވަށަފާރު ރާނަން ހުއްދައަށް އެދުނު ހިސާބުން ނެވެ.
ނަމަވެސް އެޗްޑީސީން ރެޖިސްޓްރޭޝަން ކަށަވަރުކުރަން ހައުސިން މިނިސްޓްރީއަށް ލިޔުން ފޮނުވުމުން ފަޒީލްއަށް ގޯތި ނުލިބޭކަން ވަނީ ހާމަވެފަ އެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވެސް އޭނާ މިހާރު ހުރީ ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލައިގައި ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އިރު ފަޒުލް ވިދާޅުވީ ބޭބެގެ މައްސަލައިގައި އޭނާގެ ދައުރެއް ނެތް ކަމަށެވެ.
ފަޒުލް ފަހުން ވަނީ އެމްޑީގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލަ މިހާރު އޭސީސީ އާއި ފުލުހުންވެސް ދަނީ ތަހުގީގުކުރަމުންނެވެ.