ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ދައުވާ ކޮށްދިނުމަށް އެދެން ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނެފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ދައުވާކޮށްދިނުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ރަސްމީކޮށް ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.
"އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ނިންމައި ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން ކުރަން ޖެހޭ މަސައްކަތް މި ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ" އޭސީީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފްލެޓް ލިސްޓު އަދިވެސް ރިވިއުކުރަމުންދާތީ އެ ލިސްޓު އާންމުކުރުން މުއްދަތެއް ނެތި ފަސްކޮށްފައިވާ އިރު އެ ލިސްޓުގައި ބޮޑެތި މައްސަލަތައް ފާހަގަވެ އޭސީސީއަށް އޮތީ މައްސަލަ ހުށަހަޅައިފަ އެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.
ކުރިން އާންމުކުރި ގެދޮރުވެރިޔާ ފްލެޓްތަކުގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް އުޅޭއިރު ބިންވެރިޔާގެ ސްކީމުގެ މައްސަލަތަކެއް ވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން ބިންވެރިޔާގެ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ގޯތި ދޫކުރިކަމަށް ބުނާ މައްސަލަ އޭސީސީންނާއި ފުލުހުންވެސް މިހާރު ދަނީ ތަހުގީގުކުރަމުން ނެވެ.