އުސޫލާ ހިލާފަށް ގޯތިދިން މައްސަލައިގައި ފަޒުލްއަށް އަދި އެއްވެސް ތުހުމަތެއް ނުކުރެވޭ: ފުލުހުން

އުސޫލާ ހިލާފަށް ގޯތިދިން މައްސަލައިގައި ފަޒުލްއަށް އަދި އެއްވެސް ތުހުމަތެއް ނުކުރެވޭ: ފުލުހުން

ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ގޯތީގެ މައްސަލައިގައި ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދާ ވެސް ސުވާލުކޮށްފައިވާނެ ކަމަށެވެ.

"ފަޒުލްއަށް އަދިި މިހާތަނަށް ތުހުމަތެއް ނުކުރެވޭ، އެހެން ނަމަވެސް ތަހުގީގު ދާވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތެއް ކުރެވޭކަމަށް ވަންޏާމުން އެފަރާތަކާ އެ ސުވާލުކޮށް ތުހުމަތު އިއްވާނަން،" އޭނާ ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެކަމަށެވެ. އަދި ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ އެކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ފަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންތަކަކާއި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *