ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގައި ބައިވެރިވެސް ނުވާ ފަރާތްތަކަށް ހުޅުމާލޭއިން ގޯތި ދޫކުރި މައްސަލައިގައި ސަސްޕެންޑް ކުރަންވީ ހަމައެކަނި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު އެކަނި ނޫން ކަމަށާއި، އެކަމުގެ ޒިންމާ ހައުސިންގ މިނިސްޓަރ އަލީ ހައިދަރުވެސް ނަންގަވަންޖެހޭ ކަމަށާއި، އެހެންވެ މިނިސްޓަރު ހައިދަރުވެސް ސަސްޕެންޑް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒަށް، އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
މި މައްސަލައިގައިި އެމްޑީ ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑުގެ ޗެއާރމަން ފިޔަވައި ބޯޑުގައި ތިއްބެވި ހުރިހާ މެމްބަރުން ޕީސީބީ އިން މިއަދު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތީގެ ވައްކަމަކީ މި ސަރުކާރުގެ ވައްކަމުގެ ސިލްސިލާއެއް ކަމަށެވެ. އަކްރަމް ވިދާޅުވީ، މިނިސްޓަރު ހައިދަރަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން އެކަމަށް މިނިސްޓަރު ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ހަމައެކަނި ފަޒުލް ސަސްޕެންޑް ކުރުން އެއީ އާންމުންގެ ލޮލުގައި "އަޅުވަލި އަނދުނެއް" ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމު ހިންގެވުމުގައި މިދިޔަ ސަރުކާރުގައި އެންމެ އިސްކޮށް އުޅުއްވި އަކްރަމް ވިދާޅުވީ ގޯތީގެ ވައްކަން ހައުސިންގ މިނިސްޓްރީއަށް އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ހުރިހާ ތަފްސީލެއް އެޗްޑީސީއަށް ނޭނގޭނެ ކަމަށާއި ހުޅުމާލޭގައި ހުސްކޮށް ހުރި ހުރިހާ ޕްލޮޓްތަކެއްވެސް އެޗްޑީސީއަށް ނޭނގޭނެ ކަމަށެވެ.
"އެ މައުލޫމާތު ހައުސިން މިނިސްޓްރީން ޝެއާރ ނުކުރާނަމަ އެޗްޑީސީއަކަށް ނޭނގޭނެ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ދައުރު ގޯތި ވަގަށް ދޫކުރުމުގައި އެބައޮތް ކަމަށާއި އެހެންވެ، ހައުސިންގ މިނިސްޓަރު ހައިދަރު ވަޒީރު ކަމުން އިސްތިއުފާވެސް ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އިސްތިއުފާ ނުދެއްވައިފިނަމަ މައްސަލަ ބަލައި ނިމެންދެން މިނިސްޓަރު ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
"ހައިދަރުގެ އިސްއިތުފާއަށް އަޅުގަނޑު ގޮވާލަން. ރައީސް ޖެހޭނެ ވަގުތުން ވަގުތަށް އޭނާ ސަސްޕެންޑު ކުރަން މައްސަލަ ބަލާ ނިމެންދެން،" އަކުރަމް ވިދާޅުވިއެވެ.
މި މައްސަލައިގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މިއީ އާއިލީ މަސްލަހަތު ހިމެނޭ ވައްކަމެއް ކަމަށެވެ. މީކާއިލް ވިދާޅުވީ މި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަންވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް އެޗްޑީސީ ހާޒިރު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.