ބިންވެރިޔާ ސްކީމުގެ ތެރެއިން އޮޅުވާލައިގެން ބިންތަކެއް ދިން މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

ބިންވެރިޔާ ސްކީމުގެ ތެރެއިން އޮޅުވާލައިގެން ބިންތަކެއް ދިން މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާ މައްސަލަ ތަހުގީގުކުރަން އިދިކޮޅު މައި ޕާޓީ އެމްޑީޕީޏް ގޮވާލައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ވަކި ބަޔަކަށް "ބިންވެރިޔާ" ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ބުނާ ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނ މިރެ އެޗްޑީސީ ބަލައިފާސްކޮށްފަ އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި އެފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމަށެވެ.

"މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެކެވެ." އެމްޑީޕީން ބުންޏެވެ.

ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި ފަޒުލް އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށް އެމްޑީޕީން ބުންޏެވެ.

"އޭގެ އިތުރުން, މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާ އެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް މި ޕާޓީން ގޮވާލަމެވެ. ހަމައެހެންމެ, މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި "ބިންވެރިޔާ" ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީން ބުންޏެވެ.

އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުންޏެވެ. ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން އެދޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ،

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *