ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ވަކި ބަޔަކަށް ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް ފަޒުލް ދޮގުކުރައްވައިފި އެވެ.
"އަޅުގަނޑަށް ދެވެން އޮތް ޔަގީން ކަމަކީ އެޗްޑީސީގެ ފަރާތުން އަދި އެޗްޑީސީގެ މުވައްޒަފަކު ވެސް ހިމެނޭ ގޮތަށް ޝާމިލްވާ ގޮތަށް އެޗްޑީސީގެ ފަރާތުން އެއްވެސް މުވައްޒަފަކު ވެސް އަދި އެޗްޑިސީގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ކަމެއް އިސްތިސްނާ ވާނޭ ނޫނީ ބިންވެރިޔާ ސްކީމްގައި ހިމެނޭ އެއްވެސް ފަރާތެއް އިސްތިސްނާ ވާނެ ގޮތަކަށް މިކޮޅުން ކޮށްފައެއް ނޯންނާނެ،" ފަޒުލް ވިދާޅުވިއެވެ.
އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ފަށައިފާއިރު، އޭނާ ވަނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.
ފަޒުލް އެހެން ވިދާޅުވީ، އޭނާގެ ބޭބެ ހިމެނޭ ގޮތަކަށް، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން މިރޭ ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ.