ވިސާއެއް ނެތި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާ ފުރުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާއިރު، އެ އާއިލާއަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝުކޫރާއި ފާތިމަތު ދިޔާނާ ސައީދު ފައްޓަވައިފިއެވެ.
އާޒިމާ މިއަދު ވިދާޅުވީ އެ އާއިލާގެ ތެރެއިން ދެ ކުދިންނަކީ ރާއްޖެއަށް އުފަންވި ކުދިން ކަމަށްވާއިރު އެ މީހުން އެނބުރި ދާންޖެހޭ ފްރާންސަކީ މޫނު ބުރުގާ އެޅުންވެސް މަނާކޮށްފައިވާ ގައުމެއް ކަމަށެވެ. އެހެންވެ ރާއްޖޭގައި އުފަންވެފައި ތިބި އަދި ދިވެހި ބަހުން ވާހަކަ ދައްކާ ކުދިންތަކެއް ފްރާންސަށް ފޮނުވާލަން ޖެހޭތީ ގާނޫނީ އެހީތެރިކަން ދިނުމަށް ދިޔާނާއެކު މަޝްވަރާ ކުރުމަށްފަހު އެކުގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ މީހުން ފޮނުވާލާއިރު ބައިނަލްއަގްވާމީ މުއާހަދާ ތަކަށް ރިޔާއަތް ކުރަންޖެހޭ ކަމަށާއި، އެކަންކަމަކީ ރާއްޖޭގައި މީގެކުރިން ވަކާލާތު ކޮށްފައިވާ ނުވުމުގެ މާނައަކީ ދައުލަތުން ގާނޫނީ ޒިންމާތަކެއް ނެތުން ނުވަތަ އެ މީހުންގެ ގާނޫނީ ނެތުން ނޫން ކަމަށެވެ.
އެ މުއާހަދާ ތަކުގެ ތަފްސީލުތައް ހިއްސާކުރަމުން އާޒިމާ ވިދާޅުވީ އދ. ގެ މެންބަރު ގައުމަކަށް ވީތީ ޒިންމާތަކެއް އަދާކުރާނެ ކަމަށް ރާއްޖެއިންވެސް ސޮއިކޮށް އިގުރާރު ވެފައިވާ ކަމަށެވެ.
ދެމަފިރިންނާއި ހަތަރު ކުދިންގެ ފްރާންސް އާއިލާ ތ. ވޭމަންޑޫގައި ދިރިއުޅެމުން ދާއިރު އެ އާއިލާ ރާއްޖޭގައި އުޅޭތާ 12 އަހަރު ވެއްޖެއެވެ. އެހެންނަމަވެސް އެ މީހުންގެ އެއްވެސް ޓްރެވަލް ޑޮކިއުމަންޓެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ފްރާންސްގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުން ތަކުގެ ސަބަބުން އެނބުރި ގައުމަށް ދާން ބޭނުންނުވާ ކަމަށް ބުނެ ރާއްޖޭގެ ރަށްވެހި ކަމަށް އެ އާއިލާއިން އެދިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ރަށްވެހިކަން ނުލިބޭނަމަ ފުރުވާލަދޭން އެދެއެވެ. ރާއްޖޭގައި ދިރިއުޅޭތާ އެހާ ގިނަ ދުވަސްވި އެ އާއިލާ ފުރުވާލާތީ އާންމުގެ ކަންބޮޑުވުން އެކަމުގައި އެބައޮތެވެ.