މޯލްޑިވްސް މީޑިޔާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ނުފޫޒު ތަކުން އެއްކިބާވެތިބެ، މީޑިޔާގެ މިނިވަން ކަމަށްޓަކައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މީޑިޔާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާން މެމްބަރުން އާ ކައުންސިލުގައި ހިމެނިގެން ދިޔުމަކީ އުއްމީދީ މަންޒަރެއް ކަމަށެވެ. އަދި އާ ކައުންސިލު އިންތިޚާބު ވެގެންދިޔައިރު، މިއީ މީޑިޔާ ތަކަށް ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއް ކަމުގައި ވިދާޅުވިއެވެ.
"މީޑިއާގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މީޑިއާގެ މިނިވަންކަން ދަމަހައްޓައި، މީޑިއާތަކަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުފޫޒުތަކުން އެއްކިބާވެ ތިބެ އެމްއެމްސީގެ މި ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރަން" ޝާހިދު ވިދާޅުވިއެވެ.
މީޑިޔާ ކައުންސިލުގެ އާ ދައުރުގެ އިންތިޚާބު ނިމި، މިހާރު ވަނީ އެ ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްވެސް ހޮވާފައެވެ. އަލަށް އިންތިޚާބު ކުރެވުނު މީޑިޔާ ކައުންސިލުގެ ރައީސަކީ "ތިލަދުން އޮންލައިން" ގެ ފަރާތުން ހޮވުނު، ހުސައިން ސަގީފްއެވެ. ނައިބު ރައީސަކީ އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް އަޙްމަދެވެ.
މީޑިޔާ ކައުންސިލް ހިމެނިގެން ވަނީ މީޑިޔާ ތަކުން 7 މެމްބަރުންނާއި އަމިއްލަ 8 މެމްބަރުންނާއެކު، ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.