ގޯލަން ހައިޓްސްގައި އިސްރާއީލުން ވަޒަންވެރިވުން ރާއްޖެއިން ކުށްވެރިކޮށް

ގޯލަން ހައިޓްސްގައި އިސްރާއީލުން ވަޒަންވެރިވުން ރާއްޖެއިން ކުށްވެރިކޮށް

ސީރިޔާގެ ގޯލަން ހައިޓްސްގައި އިސްރާއީލުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފުޅާކުރުމަށް އެތަނުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ނިންމުމަކީ ބައިނަލްއަގުވާމީ އެންމެހާ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަދި މި ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބައިނަލްއަގުވާމީ ގާނޫނާއި ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުޙައްގުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިސްރާއީލުން ސީރިޔާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށާއި އަދި، އދ. ގެ ކަމާބެހޭ ގަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް މަޖުބޫރު ކުރުވުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލާ ކަމަށް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ މަޖިލީހުގެ ގަރާރު 497 (1981) ފަދަ އދ. ގެ ކަމާ ގުޅޭ ގަރާރުތަކަށް އަމަލުކުރުމަށް އިސްރާއީލަށް ގޮވާލައިފައެވެ.

ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ތާއީދުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *