މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.5 މިލިޔަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާގެ ނަމުގައި ނަގާފައިވާ 3 މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާ ކުރަމުން ނުދާކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާޒިމާގެ ޣައިރުހާޒިރުގައި ކުރި ހުކުމް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ހުށަހެޅުމުން ބެލި މައްސަލައެކެވެ.
މި މައްސަަލައިގައި އާޒިމާ އެދިފައި ވަނީ ހުކުމް ބާތިލު ކޮށްދޭން ނުވަތަ ހުކުމް ބަދަލު ކޮށްދިނުމަށެވެ. މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރަށް ރިއާޔަތްކޮށް ގައިރު ހާޒިރުގައި މީގެކުރިން ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް، އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށްވެސް އެ ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
އެހެން ކަމުން އިއްޔެގެ ނިޔަލަށް ފެސިލިޓީއަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކައި އޮތް ފައިސާގެ އަދަދު 4،282،514 އުފިޔާއަށް އަރާ ކަމަށާއި، ޗެރިޓީއަށް އަރާފައިވާ 266،512 އާޒިމާ ދައްކަންޖެހޭ ފައިސާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުން ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެފައިސާ 3 މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެކަމަހަށްޖެހޭ އަދަދަށްވުރެން މަދުނޫން އަދަދަކަށް ދައްކަމުންގޮސް، އެންމެހާ ފައިސާ އެމްއައިބީއަށް ދައްކައި ޚަލާސް ކުރުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
އޭގެއިތުރުން ފެސިލިޓީއާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސްކޮށް، ފެސިލިޓީ އެކައުންޓް ބަންދު ކުރެވެންދެން، ފެސިލިޓީއާ ގުޅިގެން ވެފައިވާ އެއްބަސްވުން ތަކުގެ ދަށުން އެމްއައިބީއަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތައް ބާތިލުނުވެ ދެމިގެންދާނެ ކަމަށްވެސް ހުކުމްގައި ވެއެވެ.