ޑްރަގް ޓްރެފިކް ކުރި މީހަކު 12 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، އަބްދުﷲ އިބްރާހިމް ޏ.ފުވައްމުލައް ފުނާޑު ލުޝް، ގެ މައްޗަށެވެ.
މިއީ 15 އޮގަސްޓް 2023 ވަނަ ދުވަހު މާލޭގެ އެއްނަމްބަރު ޖެޓީން ފުރާ "ފުރާުގު" ލޯންޗުން މަސްތުވާތަކެތި ހިފައިގެން އޭނާ ފުރަންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އެއްނަމްބަރު ޖެޓީކައިރީގައި ހުއްޓާ އޭނާގެ ދަބަސް ފާސްކޮށް ބެލިއިރު ދަބަހުގެ ތެެއިން ކެނަބިސް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.
މިދައުވާގައި އޭނާގެ މައްޗަށް އިއްވި ޑްރަގް ޓްރެފިކިންގެ ދައުވާއަށް ފުރަތަމަ ކޮޅުގައި އިންކަރު ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައި އެ ކަމަށް އިއުތިރާފުވެފައެވެ.
އެހެންކަމުން ޑްރަގް ޓްރެފިކް ކުރި މައްސަލައިގައި 12 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.