އިބޫ، ފައްޔާޒް، އަލީ ޝިޔާމްގެ މައްޗަށް ތަހުގީގެއް ހިންގަން ނިންމުން- ފިނޑި އަމަލެއް، އުޅެނީ ރައްޔިތުންގެ ސަމާލުކަން އަނބުރާލަން: ޝާހިދު

އިބޫ، ފައްޔާޒް، އަލީ ޝިޔާމްގެ މައްޗަށް ތަހުގީގެއް ހިންގަން ނިންމުން- ފިނޑި އަމަލެއް، އުޅެނީ ރައްޔިތުންގެ ސަމާލުކަން އަނބުރާލަން: ޝާހިދު

އެމްޑީޕީގެ އެންމެ އިސްއެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހާއި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ނާތަހުޒީބީ އަމަލުތައް ހުއްޓާލައި، ޒިންމާދާރު ކަމާއިއެކު ވެރިކަން ކުރުމުގެ މަގަށް ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ތިންބޭފުޅުންގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

"ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއި، ރައީސް އޮފީހުގެ ކުރީގެ  މިނިސްޓަރ ޢަލީ ޝިޔާމްގެ މައްޗަށް އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ތަޙްޤީޤެއް ހިންގުމަށް މިއަދު ނިންމި ނިންމުން ނުހަނު ކަންބޮޑުވުމާއިއެކު އަޅުގަނޑު ކުށްވެރިކުރަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިއީ ރައީސް ޞާލިޙްގެ ވެރިކަމުގައި ގާއިމު ކުރެވިގެންދިޔަ ހެޔޮވެރިކަމާއި ޑިމޮކްރަސީގެ ރީތި އުސޫލުތައް ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ މިއަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ ނާކާމިޔާބީ އާއި، ގެއްލިފައިވާ ތާއީދު ފޮރުވައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ ފިނޑި މަސައްކަތެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

"މި މަސައްކަތަކީ، އިތުރުވަމުންދާ ދަރަނިތަކާއި އަދި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ނިގުޅައިގަންނަމުންދާ މައްސަލައިގައި މި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބަދަލުގައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް ކުރަމުންދާ ކަމެއް" ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *