ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން އުޅޭތީ، އެކަމާދެކޮޅަށް ރޭ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ޓޯކުރި ޓެކްސީތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ޓެކްސީ ޑްރައިވަރުން މިހާރުން މިހާރަށް ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޓެކްސީތައް ޓޯކޮށް، ޑްރައިވަރުން ތަކެއް ހައްޔަރު ކުރުމާއި ގުޅިގެން މިއަދު ސޯޝަލް މީޑިޔާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެކްސީ ޑްރައިވަރުން ރޭ ބޭއްވި ސުލްޙަވެރި އިހުތިޖާޖަކީ ޓެކްސީ ޑްރައިވަރުންގެ މުޅި އާންމުދަނީއާ ގުޅިލާމެހިފައިވާ އިހުތިޖާޖެއް ކަމަށެވެ. އަދި ކޮންމެ ބަޔަކުވެސް ހައްގު ހޯދަން މަސައްކަތް ކުރުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫން ލިބިފައިވާ ޙައްގެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
"ވީމާ، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ތަކުގެ އަޑު ސަރުކާރުން އައްސަވައި، ރޭ ޓޯކުރި ހުރިހާ ޓެކްސީތަކެއް ޑްރައިވަރުންނާ ހަވާލުކޮށް، ހައްޔަރު ކުރި ހުރިހާ ޑްރައިވަރުންވެސް މިހާރުން މިހާރަށް ދޫކޮށްލަން ސަރުކާރަށް ގޮވާލަން" ޝާހިދު ވިދާޅުވިއެވެ.
ރޭ ޓެކްސީ ޑްރައިވަރުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ބްރިޖު ހައިވޭއަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ނޭރޭނެހެން ޑްރައިވަރުން ވަނީ ބަންދު ކޮށްފައެވެ. އެއީ ޓެކްސީތައް އެތަނުގައި ބަހައްޓައިގެންނެވެ. އެއާއެކު ފުލުހުން މިއަދު ވަނީ އެ އިހުތިޖާޖުގައި މަގު ބަންދު ކުރުމަށް ބޭނުންކުރި 22 ކާރު ޓޯކޮށްފައެވެ.
މީގެއިތުރުން ރޭގެ އިހުތިޖާޖުގައި ހަރަކާތްތެރިވި ބަޔެއް ޑްރައިވަރުންވެސް ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނެފައި ވަނީ ތިން ޑްރައިވަރަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެތެރެއިން ޝާމިން އާއި ޝަބީންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ. ނަމަވެސް ޝަރުތުތަކަކާއެކު ނުއުމާން ވަނީ ދޫކޮށްލާފައެވެ.






