މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެނީ މަސްވެރިން ބާނާ މަސް ގަތުމަށްފަހު، ވީހާވެސް އަވަހަށް މަސްވެރިންނަށް ފައިސާ ދިނުމަށް ކަމުގައި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ކިބައިގައިވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކިރާ މަހަށް ފައިސާ ލިބުން ލަސްވުން ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިން ކިރާ މަހަށް ވީހާވެސް އަވަހަށް ފައިސާ ލިބޭނެގޮތް ހަދައިދިނުމުގެ އިތުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަދައިދިނުމަކީވެސް ސަރުކާރުން ހަމަ އެވަރަށް އިސްކަންދޭ ކަމެކެވެ. އަދި މަހުގެ އެކި ބާވަތްތައް އެކްސްޕޯޓު ކުރާނެ އިތުރު މާކެޓްތައް ހޯދުމަކީވެސް ސަރުކާރުން އިސްކަން ދީގެން ކުރަމުން އަންނަ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު ހުރި ސްޓޯރޭޖް ކެޕޭސިޓީ އަކީ އެންމެ ރަނގަޅު ކެޕޭސިޓީ ނޫން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ނިންމައި ޚިދުމަތް ދެވޭވަރު ވާނެކަމަށެވެ. އެ ޚިދުމަތް ފުޅާވާއިރު އެއްގަމުގައި މިހާރު ހުރި 4200 ސްޓޯރޭޖުގެ ކެޕޭސިޓީއާއެކު 8000 ޓަނުގެ ސްޓޯރޭޖު 25 ޓަނަށް އިތުރު ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގައި ހުރިހާ އިންވެސްޓެއް ކުރާ ފަރާތަކީ ސަރުކާރު ކަމުގައިވުން ލާޒިމު ނޫން ކަމަށެވެ.
"ޕްރައިވެޓް ޕާޓީތަކާއި އެހެން ބޭންކުތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު މިކަން އެބައޮތް ކުރެވެން. ރާއްޖޭގެ މަސްވެރި ސިނާއަތް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެން ހޯދަންޖެހޭ ހުރިހާ ފައިސާއެއް ރައީސުލްޖުމްހޫރިއްޔާ އެހެރީ ހޯއްދަވާފައި. ދެން އޮތީ މިކަންކަން ތަންފީޒު ކުރުން" ޝިޔާމް ވިދާޅުވިއެވެ.